ދުބާއީގެ ޒުވާނުންތަކެއް އިސްނަގައިގެން ރެސްޓޯރަންޓެއް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައި ޢާންމުކޮށް ހުޅުވައިލިތާ މާގިނައިރުތަކެއް ނުވެ މުޅިތަނުގެ އަޑު ދިއައީ މައިތިރިވެގެންނެވެ. މަޑުމަތިރިކަމުގެ ވަގުތުކޮޅަކަށްފަހު މުޅިތަން ގުގުމައިލީ "މަރުހަބާ ޝައިޚް! މަރުހަބާ ޝައިޚް!"ގެ އަޑުންނެވެ.
ސީނިއަރ ޝެފުން ފިޔަވައި ހުރިހާ މަޤާމުތަކެއްގައި ދުބާއީގެ ހީވާގި ޒުވާނުން ހަރަކާތްތެރިވާ މި ރެސްޓޯރަންޓް ޢާންމުންނަށް ހުޅުވައިލިތާ ކުޑައިރުކޮޅެއްގެތެރޭގައި ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް އިންނެވީ ރެސްޓޯރަންޓްގެ ގޮނޑިއެއްގައެވެ.
ގިނިކަންޏާ މޭޒެއްގެ އިންނަވަނިކޮށް ޒުވާން އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ޢާންމު އުޞޫލުން މެނޫ ހިފައިގެން ގޮސް ބޭނުންފުޅުވާ ކާއެއްޗަކާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. މި ސުވާލުކުރެވެނީ ޤައުމުގެ ވެރިޔާ އައިކަން ނުއެނގިތިބެއެވެ.
"މިއިން އެންމެ މީރުވާނީ ކޮން އެއްޗެއްތޯ" ސުވާލުކުރެއްވުމުން އެކުދިން އެކުދިންގެ ޢާންމު މިޒާޖުގައި މީރުވާނެ ކާތަކެތި މެނޫން ދައްކައި ނިމުނުއިރު މީރު ނޫން ހަމައެކައްޗެއްވެސް ނެތެވެ. މެނޫގައި ހުރި ހުރިހާ އެއްޗެއްވެސް ހަމަ އެންމެ މީރެވެ. ކުދިންގެ މަޖާ މިޒާޖުން ހިތްޕުޅުހަމަޖެހިވަޑައިގެން އިންނަވައި ވިދާޅުވީ އެކުދިންނަށް ފެންނަށް ތަކެތި އެމަނިކުފާނަށް ފަރިއްކުޅުއްވޭނެ އަދަދަކަށް ގެނެސް ދިނުމަށެވެ.
ރެސްޓޯރަންޓްގައި މަސައްކަތްކުރަން ތިބި ޒުވާނުންނަށްވެސް އަދި އެތަނަށް ވަން މީހުންނަށް ވެސް އެއީ ޝައިޚް މަޚްޠޫމްކަން އެނގުނީ ފަރިއްކުޅުއްވައި ނިމެނިކޮށެވެ. މަރުހަބާގެ އަޑު ގަދަވެގެންދިއައީ އެހިސާބުންނެވެ.
އެހިސާބުން ޝައިޚް މަޚްޠޫމް އަމިއްލަފުޅަށް ކޭޝްކައުންޓަރަށް ވަޑައިގެން ބިލް ދެއްކެވިއެވެ. އަދި ވިދާޅުވިއެވެ. "މަރުހަބާ ކިޔަންވީ މަށަކަށް ނޫނެވެ. އަހަރެން މިއައީ ތިއަ ޒުވާނުންނަށް މަރުހަބާ ކިޔާށެވެ. ދުބާއީއަށް ބޭނުންވަނީ ތިއަ ފަދަ ޒުވާނުންނެވެ. އަމިއްލައަށް ހުރިހާ މަސައްކަތެއް ކޮށްގެން ކުރިއަށްދާނެ ޒުވާނުންނެވެ. ވިޔަފާރި ކުރިއަރުވަން އެހީއަކަށް ބޭނުންވާނަމަ ގުޅައިލާށެވެ." ވިދާޅުވެ ޝައިޚް މަޚްޠޫމް ވަނީ އެމަނިކުފާނާއި ގުޅޭނެ ނަމްބަރުތައް ދެއްވައިފައެވެ. އަދި ޢާއިލާ އާއިއެކު އެނބުރިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ.
ޖީބުން ނެންގެވި އެއްޗަކަށް ފިއްތަވާލައްވާފައި ނުކުމެވަޑައިގެންނެވިއިރު ކުރިމަތިގައި އޮތް ކާރަކަށް އަރުއްވައިގެން ވަޑައިގަތީއެވެ.