ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް އަލީ ޚާން އަކީ، އޭނާ އުފަންވުމުގެ ކުރިންވެސް މީހުންގެ ހިތްތަކުގައި ވަރަށް ވެސް ފުން މަގާމެއް ދެވިފައިވާ ކުއްޖެކެވެ.
ދުނިޔެއަށް އުފަންވީ ފަހުންވެސް ތުއްތު ތުއްތު ތައިމޫރު އެންމެންގެ ހިތުގައިވެސް ވިދަމުންދެއެވެ.
އެއް ބަޔަކު އޭނާގެ ނަމަށް ޖޯކު ޖެހިނަމަވެސް، ޙަޤީޤަތަކީ އެންމެންވެސް ތައިމޫރްގެ އާޚަބަރަކަށް އިންތިޒާރު ކުރަމުންދާ ކަމަށާއި އޭނާގެ އާފޮޓޯއެއް ވެސް ފެނޭތޯ ބަލާކަމެވެ. އުފަންވީ ދުވަހުން ފެށިގެން މިއަދާއި ހަަމައަށް ވެސް ތައިމޫރް އަލީ ޚާން ގެ ފޮޓޯއެއް ފެނިއްޖެނަމަ، އެފޮޓޯ ވަރަށް ބާރު ސްޕީޑެއްގައި ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
މިފަހަރުވެސް މިއޮތީ އެފަދަ ފޮޓޯއެއްގެ ވާހަކައެވެ. މަންމަ، ކަރީނާ ކަޕޫރް ޚާން، ގެ އުރުގައި، މަންމަގެ ލޯތްބާއި އަޅާލުން ލިބުމުން ތުއްތު ތުއްތު ތައިމޫރް ގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފެނުމުން އެތައް ބައެއްގެ ހިތްތައްވަނީ ލޯބިންގެ ގޮސް ފުރިފައެވެ.
މަންމައަކަށް ވުމުން ކުރެވޭ އިޙުސާސްތަށް އަހާލުމުން، ވަރަށް ފަހުން މީޑިއާތަކަށް ދިން އިންޓަރވިއު އެއްގައި ކަރީނާ ބުނެފައިވަނީ "މަންމަ އަކަށް ވުމަކީ ވަރަށް ގިނަ ޒިންމާތަކެއް އެކުލެވިގެންވާ ކަމެއް" ކަމަށާއި، "މަޔަކަށް ވުމުން ހީވަނީ ތިމާގެ ހިތް ވިންދު ޖަހަމުން ދަނީ ތިމާގެ ހަށިގަނޑުން ބޭރުގައި" ކަމަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ދަރިފުޅަށްކަމަށާއި އެއީ އެންމެ ބޮޑު ޒިންމާކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.
އޭގެ އިތުރުން ކަރީނާ ބުނީ ދަރިއަކު ހޯދުމަކީ އޭނާއާއި ސައިފް ބޭނުންވި ކަމެއް ކަމަށެވެ.
"އަހަރުމެންނަށް ތައިމޫރް އިން ފެންނަނީ އަހަރުމެން ދެމަފިރިން. އަދި އެއީ ވަރަށް ޚާއްސަ އުފާވެރި އިޙުސާސެއް" ކަރީނާ ބުނެފައިވެއެވެ.
މަންމައާއި ބައްޕަ ފަދައިން ތައިމޫރްވެސް ކެމެރާ ކުރިމައްޗަށް އެކްޓަރެއްގެ ގޮތުގައި ފެނުމަކީ ގިނަ ބަޔަކު މިހާރުވެސް އެދެމުން އަންނަ ކަމެކެވެ. ނަމަވެސް މިފަދަ ޙިޔާލެއް އަދި ނުގެންގުޅޭ ކަމަށާއި ތައިމޫރު އާއި ދޭތެރޭ އެދެމަފިރިންވެސް ވަރަށް ފޮނި އުއްމީދުތަކެއް ދެކެފައިވާ ކަމަށް ކަރީނާ ބުނެފައިވެއެވެ.