މިޞުރު ސަރުކާރުން ދަރިވަރުންނަށް ދިން ބަތް ޕާރުސަލް ކައިގެން އެތައް ހާސް ކުދިން ވިހަވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސޮހާގް ސަރަހައްދުން އެކަނިވެސް މިދިއަ ހަފްތާގައި ވަނީ 2.200 ކުދިން ބަލިވެފައެވެ. އެއިގެ ތެރެއިން ހާލުބޮޑުވި 98 ދަރިވަރުންނަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.
ވިހަވި ބައެއް ކުދިންގެ ހާލު ބޮޑުވީ ނޭވާލާން އުނދަގޫވެ ބޭރަށް ހިންގައި އަދި ހޮޑުލެވުމާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވުމުންނެވެ.
ޞިއްހަތާއިބެހޭ ވުޒާރާ އިން ބުނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ މެންދުރު ކެއުމަށް ސަރުކާރުން ގެންދަނީ ބަތްޕާރުސަލް ދެމުންނެވެ.