އިންޑިއާގެ އުއްތުރަ ޕްރަދޭޝް ގައި ގޭންގު ރޭޕެއްކޮށް މޫނުމައްޗަށް އެސިޑު ޖަހައިގެން އެޑްމިޓު ކޮށްފައި އޮތް އަންހެނެއް ކައިރީ އިނދެ، އެޤައުމުގެ ތިން އަންހެން ކޮންސްޓޭބަލުންތަކެއް "ސެލްފީ" ނެގުމުން ސަސްޕެންޑު ކޮށްފިއެވެ.
ސެލްފީ ނެގުމަކީ މިފަހަކަށް އައިސް މުޅި ދުނިޔޭގެ އެންމެންވެސް ކުރަމުން އަންނަ، އެއްވެސް ކަހަލަ ކޮންޓްރޯލެއް ނެތް ކަމެކެވެ. އޭގެ އަވާގައި އިންޑިއާގެ އަންހެން ފުލުހުންތަކެއް ވެސް މިވަނީ ޖެހިފައެވެ.
ކައިރީ އެނދެއްގައި އޮތް ހާލު ދެރަ ބަލި މީހަކު، މަރާއި ހަނގުރާމަ ކުރަމުން ދާއިރު، އެމީހާ އޮތީ ރައްކާތެރިކޮށްތޯ ބަލަން ތިބި މީހުން ސެލްފީ ނެގުމުގައި ބިޒީ ވެގެން އުޅުމުން ދެން ކަންތައް ވާނެ ގޮތް ވިސްނާލާށެވެ.
މިހާދިސާ ހިނގާފައިވަނީ ލަކްނައު ގައި ހުންނަ ކިންގް ޖޯޖް ހޮސްޕިޓަލުގައެވެ.
އިންޑިއާ ފުލުހުންގެ މިތިން ކޮންސްޓޭބަލުން ސަސްޕެންޑު ކުރުމުން، ވަރަށް ގިނަ ބަޔަކު ވަނީ އެޤައުމުގައި އަލަށް އުފެދުނު ޔޯގީ އަދިތުޔަނާތު ސަރުކާރަށް ތާޢީދު ކޮށްފައެވެ.
ގޭންގް ރޭޕްކޮށް މޫނަށް އެސިޑު ޖަހައިގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދާ އަންހެންމީހާގެ މައްސަލަ އިންޑިއާ ފުލުހުން ތަޙުޤީޤު ކުރަމުން ދިޔަނަމަވެސް އަދި އެކަމާއި ގުޅިގެން އެއްވެސް ފަރާތަކުން ހައްޔަރު ކޮށްފައި ނުވާ ކަމަށް އިންޑިއާ ގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.