ކޮންމެ އަހަރެއްގެ އުފަންދުވަހު ލިބެނީ ލޮޓަރީ ޓިކެޓެއް، މިފަހަރު ނަސީބު އަތުގަ ހިފައިފި
ސީއެންއެން- ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ނޭވީ ވެޓެރަނެއް ކަމަށްވާ ސައުތު ބްރާންޗް މިޗިގަންގެ، އަރވިން ސްމޮލިންސްކީ އަށް ކޮންމެ އަހަރަކުވެސް އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި ލިބެނީ ލޮޓަރީ ޓިކެޓު ތަކެކެވެ.
މިކަން ފެށުނީވެސް ސްމޮލިންސްކީ ގެ ފަރާތުންނެވެ. ކޮންމެ އަހަރަކުވެސް އޭނާ އޭނާގެ އާއިލާ މީހުންނަށާއި ގާތްތިމާގެ މީހުންނަށް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދެނީ ލޮޓަރީ ޓިކެޓެކެވެ. އެހެންކަމުން އެމީހުންވެސް އޭނާގެ އުފަންދުވަހު އޭނާއަށް ހަދިޔާއެއްގެ ގޮތުގައި ދޭން ފެށީ ލޮޓަރީ ޓިކެޓެވެ.
ނަމަވެސް މިއަހަރު، ސްމޮލިންސްކީ އަށް 94 އަހަރު ފުރުނު އުފަންދުވަހު ލިބުނު ލޮޓަރީ ޓިކެޓުން އޭނާގެ ނަސީބުވަނީ އަތުގައި ހިފާފައެވެ. އޭނާގެ ދަނބިދަރިފުޅު ހަދިޔާއެއްގެ ގޮތުގައި ދިން އެޓިކެޓުން އަރވިން ސްމޮލިންސްކީ އަށް 300،000 ޔޫއެސް ޑޮލަރު ލިބިފައިވެއެވެ.
ކުއްލިއަކަށް އެހާ ގިނަ ފައިސާ ލިބުން ކަމުގައި ވިޔަސް، އެފައިސާއިން މާގިނަ ޚަރަދުތަކެއް ކުރަން ސްމޮލިންސްކީ ނުވިސްނައެވެ. އޭނާ ބުނި ގޮތުގައި އެފައިސާ އިން އޭނާ އެންމެ ފުރަތަމަ ގަންނާނީ ކުޑަވަރެއްގެ ގެއެކެވެ. އެއަށްފަހު، އެހެން މީހަކު ބޭނުންކޮށްފައިވާ ކާރެއް ގަންނަން އޭނާ ޙިޔާލު ކުރެއެވެ. ބަކީ ބައި އޭނަ އިންވެސްޓު ކުރާނީ ކަމަށް ސްމޮލިންސްކީ ބުނެފައިވެއެވެ.
"އަހަންނަކީ އަބަދުވެސް ވަރަށް ޚަރަދަށް ބަލައިގެން އުޅޭމީހެއް. އަހަރެން އަބަދުވެސް ގަންނަނީ ސޭލް އަޅުވާފައި ހުންނަ އެއްޗެހި އަދި ފައިސާ އަށް އަހަރެން އަބަދުވެސް ވަރަށް ބަލަން. އެކަން ބަދަލެއް ނުވާނެ! ހަމައެކަނި ބަދަލުވާނެ ކަމަކީ، ފައިސާ ނެތިގެން އަހަރެން ކުރަމުން ދިޔަ ފިކުރު" އިންޓަރވިއު އެއްގައި އަރވިން ސްމޮލިންސްކީ ބުންޏެވެ.