މަރިޔަމް ވަހީދާ
'ބަޓް' އާއިލާގެ އެންމެ ދޮށީ އަންހެން ދަރި އަދި ނުވަދިހައިގެ އަހަރުތަކުގައި އެންމެންގެ ހިތްތަކުގައި ވިދަމުން ދިޔަ ކުޅަދާނަ އެކްޓްރެސް ޕޫޖާ ބަޓް، އޭނާގެ ކޮއްކޮ އާލިއާ އަށް ވަރަށް ސަނާ ކިޔައިފިއެވެ.
ބައްޕަ މަހޭޝް ބަޓް އަށް އެހީތެރިވެދީ ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފައިވާ ޕޫޖާ ބަޓު ބުނީ އޭނާގެ ކޮއްކޮ އާލިއާ އަށް، މަސައްކަތުގެ މައިދާނުގައި ވެސް އަދި ދިރިއުޅުމުގެ އެހެން ކަމެއްގައިވެސް އެއްވެސް ލަފައެއް ދޭން ނުޖެހޭ ކަމަށާއި އޭގެ ބަދަލުގައި ލަފާ ހޯދަން ޖެހެނީ ޕޫޖާ އަށް ކަމަށެވެ.
ޕޫޖާ ބުނި ގޮތުގައި އާލިއާގެ އުމުރުން އެންމެ ތިން އަހަރުގައި ވެސް، ބޮޑުވެގެން ކުރަން ބޭނުންވަނީ ކޮންކަމެއްކަން އޭނައަށް އެނގެއެވެ. އޭނާގާތު އެސުވާލު ކުރުމުން ޖަވާބަކަށް އާލިއާ އަބަދުވެސް ބުނަމުން އައީ "ސްޓާ" ކަމަށް ޕޫޖާ ބުންޏެވެ.
"ފިލްމީ ދާއިރާއަށް އަހަރެން ނިކުތީ އުމުރުން 17 އަހަރުގައި. އެއިރު ޑައިރެކްޓަރެއްގެ ގޮތުގައި އަހަރުމެންގެ ބައްޕަ އަހަރެންގެ ފަހަތުގައި ހުރި. ބައްޕައެއްގެ ރޯލާއި ޑައިރެކްޓަރެއްގެ ރޯލު ބައްޕަ އަދާ ކުރުމުން އަހަންނަށް ވަރަށް ބޮޑު އެހީތެރި ކަމެއް ލިބުނު. ކުރި އަރަން އިތުރަށް މަގުފަހިވި. އެކަމަކު އާލިއާ އަށް ބަލަންޏާ، އޭނަ އެންމެ ފުރަތަމަވެސް އޭނަގެ ކެރިއަރު ފަށާފައި އެހުރީ އެހެން ޑައިރެކްޓަރަކާއި އެހެން ޕްރޮޑަކްޝަން އަކާއި އެކު. އެދުވަހުން ފެށިގެން މިހާތަނަށްވެސް އޭނާ ކުރިއަރާފައި އެވަނީ ހަމަ އަމިއްލަ އަށް" ބޮލީވުޑް ނިއުސް އަށް ދިން އިންޓަރވިއު އެއްގައި ޕޫޖާ ބުނެފައިވެއެވެ.
އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ، އާލިއާ އަކީ ޕޫޖާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަަށް ނުވާތީ، އާލިއާ އަށް ލިބޭ ކުރިއެރުމަށް ޕޫޖާ ހަސަދަވެރިވާ ކަމަށާއި ފިލްމީ ދާއިރާ އިން ދުރަށް ދިޔައީ އެސަބަބާއި ހެދި ކަމަށެވެ. ނަމަވެސް ޕޫޖާ ބަޓް އެވާހަކަތައް ދޮގު ކުރިއެވެ.
"ހަސަދަވެރިވާންވީ އެއްވެސް ސަބަބެއް ނެތް. އާލިއާ އުފަންވީ ދުވަހުން ފެށިގެން ވެސް އަހަރެން އޭނަދެކެ ދަރިއެއް ފަދައިން ލޯބިވޭ. އޭނަގެ ކުރިއެރުމުގައި އެހީވާން ނުޖެހުނު ކަމުގައި ވިޔަސް، އޭނައާއި މެދު އަހަރެން ފަޚުރުވެރިވޭ. ދެން އަހަރެންގެ ކެރިއަރު ހުއްޓާލި ވާހަކަ. އެކަމަކާއި އާލިއާ އާއި އެއްވެސް ގުޅުމެއް ނެތް. އަހަރެން ފިލްމު ކުޅެން ފެށީ ވަރަށް ޅައުމުރުގައި. އަދި އަހަރެންގެ ފިލްމު 'ތަމަންނާ' ޕްރޮޑިއުސް ކުރިއިރު އަހަންނަކީ މިޤައުމުގައި އެއިރު އުފެދުނު އެންމެ ޒުވާން ޕްރޮޑިއުސަރު. ފިލްމީ ދައިރާ ދޫކޮށްލީ އެތަކެއް ފިލްމެއް ކުޅެ، ތިން ފިލްމު ޕްރޮޑިއުސް ކުރުމަށްފަހު އަހަރެންގެ ކިބާގައި ހުރި 'އަމިއްލަ މައްސަލައެއް' ޙައްލު ކުރަން ވެގެން" ފުދޭވަރަކަށް ހިތްހަމަ ނުޖެހިފައި ޕޫޖާ ޖަވާބުދިނެވެ.
ޕޫޖަ ބަޓް އެބުނި 'އަމިއްލަ މައްސަލަ' އަކީ ކޮބާކަން ވެސް މީޑިއާ ރިޕޯޓުތަކުގައި ހާމަކޮށްފައިވެއެވެ. ޕޫޖާ އަކީ ޒުވާން އުމުރުގައި ރާބޯން ފެށި އަދި އޭގެ މަސުތުގައި ވަރަށް ގަދައަށް ޖެހުނު އެކްޓްރެސްއެކެވެ. ނަމަވެސް ޕޫޖާ ގެ ރަނގަޅުކަމަކީ، ޕޫޖާގެ މައްސަލައެއް ހުންނަކަން އަމިއްލައަށް ޤަބޫލުކުރެވި، އެކަން އަމިއްލައަކަށް ޙައްލުވެސް ކުރުމެވެ.