އިންޑިއާގެ ލެބޯޓްރީތަކުން ޓެސްޓްކޮށް ބެލުމަށްފަހު ވިއްކަމުން ގެންދާ 300 ވައްތަރުގެ ބޭސް އީޔޫގެ ލެބޯޓްރީތަކުން ޓެސްޓް ކުރުމަށްފަހު ފެންވަރު ނެތުމުން އީޔޫއަށް އެތެރެކުރުން ސަސްޕެންޑްކުރުމަށް ހުށަހަޅައިފިއެވެ.
އީޔޫއަށް އެތެރެކުރާ ބޭސްތަކުގެ ފެންވަރު ބަލަހައްޓަމުންގެންދާ ޔޫރަޕިއަން މެޑިސިން އެޖެންސީން ބުނެފައިވަނީ އެ ބޭސްތަކުގައި ބުނެފައި ހުންނަ މިންވަރަށް ބޭހުގެ ފެންވަރު ނެތް ކަމަށެވެ. އެހެންކަމުން އީޔޫއަށް އެތެރެކުރުން ސަސްޕެންޑްކުރަން ހުށަހަޅަނީ ކަމަށެވެ.
މިކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ކުންފުނިތަކުގެތެރޭގައި އައުރޯބިންޑް ފަރުމާ، ޒައިޑަސް، ސެންޑޯޒް، ސަނޯފީ އަދި މައިލަން ފަދަ ކުންފުނިތައް ހިމެނެއެވެ. ޓެސްޓްކުރި އެޖެންސީން ބުނެފައިވަނީ އެމީހުންގެ ހޯދުންތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައި މި ބޭސްތައް މަނާކުރުމުގެ ރަސްމީ އަމުރު ނެރުވާނެ ކަމަށެވެ.
ސަސްޕެންޑް ކުރަން ހުށަހަޅާ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބައެއް ބޭސްތަކަކީ ޕޭޝަންޓުންނަށް ފުރިހަމަ މައުލޫމާތު ދިނުމުން ވެސް ޕޭޝަންޓުން ބޭނުންވާނަމަ ބޭނުންކުރެވިދާނެ ބޭސްތައް ކަމަށްވާތީ އެބޭސްތަކާއިމެދު ޚާއްޞަ ގޮތެއް ނިންމިދާނެ ކަމަށްވެސް ޓެސްޓްކުރި އެޖެންސީން ވަނީ ބުނެފައެވެ.