ފަލަސްތީނާއިދެކޮޅަށް ކުޅޭ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އިޢުލާންކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 48ސ
ފަލަސްތީނާއިދެކޮޅަށް ކުޅޭ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އިޢުލާންކޮށްފި
މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ނިކުންނަ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އިޢުލާން ކޮށްފިއެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން އިޢުލާނުކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 8 ކުޅުންތެރިންނާއި ޓީސީގެ 4 ކުޅުންތެރިންނާއި ކުލަބް ވެލެންސިއާގެ 3 ކުޅުންތެރިންނާއި ކުލަބް އީގަލްސްގެ 2 ކުޅުންތެރިންނާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ 2 ކުޅުންތެރިންނާއި ނިއުރޭޑިއަންޓުގެ 4 ކުޅުންތެރިންނާއި ކުލަބް ގްރީންސްޓްރީޓުގެ އެއް ކުޅުންތެރިއެކެވެ.

ފަލަސްތީން މެޗަށް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑާއެކު އިއްޔެ އާއިހަމައަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލް ސްކޮޑުން ބާކީކޮށްފައިވަނީ ކުލަބް އީގަލްސްގެ މިޑްފީލްޑަރު ރިހާމް އަބްދުލް ޣަނީ (ބޮބީ) އާއި އަހުމަދު ޒާދާއި މާޒިޔާގެ ޑިފެންޑަރ ޤާސިމް ޝަމާމް އާއި ކްލަބު ގްރީން ސްޓްރީޓުގެ އަޙުމަދު ނިޒާމް (ނިޒާމްބެ) އަދި ކްލަބު ވެލެންސިޔާގެ ބަދަލު ކީޕަރ ޠަލާލް ޙަސަނެވެ.

މި މެޗު ކުޅުމަށް ފަލަސްތީން ޓީމު މާލެ އައިސް ފަރިތަކުރުންތައްވެސް ބާއްވާފައިވާ އިރު، އެޓީމު ކޭމްޕުކޮށްފައިވަނީ ހޮޓެލް ޖެން ގައެވެ. އަދި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ކޭމްޕު ކުރުމަށް ހަމަޖެހިފައިވަނީ ބީހައިވް ގައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާރޭ 21:00 ގައި ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެރޭގެ މެޗަށް ފަލަސްތީން ނުކުންނައިރު ދުނިޔޭގެ ރޭންކިންގގައި އެޓީމު އޮތީ 134 ވަނަ މަޤާމުގައެވެ. އަދި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގގެ 140 ވަނަ މަޤާމުގައެވެ.

މިމެޗުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، ސިޑިބަރީގެ ޓިކެޓެއް 50 ރުފިޔާ އަދި ގޮނޑި ބަރީގެ ޓިކެޓެއް ވިއްކަނީ 100 އަދި 150 ރުފިޔާ އަށެވެ.

މިމުބާރާތުގެ ކޮލިފައިން ބުރުގައި ވާދަކުރާ 24 ޤައުމު ވަނީ 6 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމު 2019 ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.


މިއަދު އޮންލައިން