ޑެބީގެ ނަންދީފައިވާ ވަރުގަދަ ތޫފާނެއް އޮސްޓްރޭލިޔާގެ ކްއީންސްލޭންޑަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.
މި ތޫފާނުގައި ގަޑިއަކު 163 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދެ މީޓަރ އުސްމިނުގައި ރާޅޫގެ ބާނިތައް ހުންނާނެ ކަމަށް އިސްޓްރޭލިއާގެ މޫސުމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އެ ހިސާބުން ދުރަށް ދިއުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން އަންގަމުން ދިޔަނަމަވެސް އެ އެންގުމާއި އެއްގޮތަށް އަދިވެސް ބައެއް މީހުން ޢަމަލު ނުކުރުމުގެ ސަބަބުން މިހާރުވެސް 20،000 ގެއަކުން ކަރަންޓް ކެނޑިފައިވާކަމަށް އޮސްޓްރޭލިއާގެ ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން އޮސްޓްރޭލިއާގެ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވަނީ މި ތޫފާނުގައި ވަޔާއި ވިއްސާރަ އެތައް ގަޑިއިރަކަށް ދެމިގެންދާނެކަމަށް ލަފާކުރާ ކަމަށާއި ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަމުގެ މަޢުލޫމާތު މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްޞީލު އަދިހާމަވާގޮތް ނުވާ ކަމަށާއި ތަފްޞީލު ލިބެމުންދާ ވަރަކުން ހާމަކުރާނެ ކަމަށްވެސް އެ ޤައުމުގެ މޫސުމާއިބެހޭ އިދާރާއިން ބުނެއެވެ.
ކުއްލި ޙާލަތުގައި މަސައްކަތްކުރާ ދެހާހެއްހާ މީހުން ތައްޔާރީ ޙާލަތުގައި މިހާރުވެސް ތިބި އިރު، އުސް ހިސާބުތަކުގައި ވަގުތީ ހިޔާތައް މިހާރުވަނީ ޤާއިމުކޮށްފައެވެ.
2011 ވަނަ އަހަރުވެސް ވަނީ ކްއީންސްލެންޑަށް ތޫފާނެއް އަރައި، ބޮޑެތި ގެއްލުންތަކެއްވެފައެވެ.