ހަމަޖެހިގެން އުޅެވެނީ 'ޑަބަލް' ދިރިއުޅުން ބެލެންސް ކުރެވޭތީ- ޕްރިޔާންކާ

ކިޔުމަށް ހޭދަވާނީ 2މ 41ސ
ހަމަޖެހިގެން އުޅެވެނީ 'ޑަބަލް' ދިރިއުޅުން ބެލެންސް ކުރެވޭތީ- ޕްރިޔާންކާ

ޕްރިޔާންކާ ޗޯޕްރާ އޭ ބުނުމުން ނޭނގޭނެ މީހަކު ވަރަށް މަދު ވާނެއެވެ.

އުމުރުން 17 އަހަރުގައި 'މިސް ވޯލްޑް' ކަމުގެ ފަޙުރުވެރި ތާޖު ބޮލުގައި އެޅުމަށްފަހު، 2003 ވަނަ އަހަރު ބޮލީވުޑްގައި ޕްރިޔާންކާ ފައިތިލަ ސާބިތު ކުރިއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ވެސް އޭނާއަކީ އެސާބިތު ކަންމަތީ ފިލްމު އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުން އަންނަ ހުނަރުވެރި ކުޅަދާނަ މޮޅު އެކްޓްރެސް އެކެވެ.

ބޮލީވުޑްގައި އޭނާ ކުޅުނު މޮޅު ފިލްމުތަކަށް ބަލާއިރު، 'ދަ ހީރޯ'، 'ޑޯން'، 'ފެޝަން'، '7 (ސާތު) ޚޫން މާފް'، 'ބަރްފީ'، 'މޭރީ ކޯމް'، އަދި 'ބާޖީ ރާއޯ މަސްތާނީ' ފަދަ ބްލޮކްބަސްޓަރ ފިލްމުތަކުގައި އޭނާ ވަނީ ވަރަށް ވެސް ތަފާތު މޮޅު އެކްޓިންގް އެއް ދައްކާލަދީފައެވެ. މިފިލްމުތަކަށް ބެލުންތެރިންގެ ވަރަށް ހޫނު ތަރުހީބެއް ވެސް ލިބިފައިވެއެވެ.

އިންޑިއާގެ އިތުރުން ޔޫއެސް ގައި ވެސް ޕްރިޔާންކާ މިހާރު އަންނަނީ ވަރަށް ފިޔަ ޖަހަމުންނެވެ. އެގޮތުން ޔޫއެސް ޓެލެވިޟަން ސްޕޭސްއަށް އޭނާވަނީ 'އެލެކްސް ޕެރިޝް' ގެ ގޮތުގައި އެފްބީއައި އޭޖެންޓެއްގެ ރޯލުން "ކުއަންޓިކޯ" ގައެވެ. ކުއަންޓިކޯ އަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް ހޫނު ތަރުހީބެއް ލިބެމުންދާ ސީރީޒެކެވެ. ހޮލީވުޑްއަށް ބަލާނަމަ މިހާރު ޕްރިޔާންކާ ޗޯޕްރާ ތައްޔާރުވަމުންދަނީ "ބޭވޮޗް" ގެ މަސައްކަތަށެވެ.

މިފަދަ ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް މަސައްކަތުގެ މައިދާނުގައި ހޯދޭނީ ވަރަށް ވެސް ބުރަކޮށް އުޅެގެންކަން ޔަޤީނެވެ. މިހާ ބުރަކޮށް އުޅޭއިރު ޕްރިޔާންކާ އުޅެނީ ވަރަށް ހަމަޖެހިގެންތޯ ގިނަ ބަޔަކު ބަލަން ބޭނުންވެއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމަށް އެއްވެސް ވަގުތެއް ދެވޭކަމާއިމެދު ސުވާލު އުފެދެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'އިންޑިއަން އެކްސްޕްރެސް' އިން މިސުވާލު ޕްރިޔާންކާ އާއި ކުރުމުން، އީމެއިލް އެއްގެ ޒަރީޢާއިން ޕްރިޔާންކާ ބުނެފައިވަނީ، އޭނާގެ ދިރިއުޅުން ހަމަޖެހިފައި ހުންނަނީ އޭނާގެ "ޑަބަލް" ދިރިއުޅުން ބެލެންސް ކުރެވޭތީ ކަމަށާއި މަސައްކަތުގައި ކުރިއެރުން ލިބެން ބޮޑު އެހީތެރިކަމެއް ލިބެނީވެސް އެހެންވެ ކަމަށެވެ.

ޕްރިޔާންކާ ބުނި ގޮތުގައި، މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުން ކަމުގައި ވިޔަސް، އޭނާގެ އާއިލާ އަށާއި ގާތްތިމާގެ މީހުންނާއި އަދި ގާތް ރަޙްމަތްތެރިންނަށް އޭނާ އަބަދުވެސް ވަގުތު ދީ، ގުޅުން ބަހައްޓައެވެ.

"އަމިއްލަ ދިރިއުޅުމުގައި ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ގާތް މީހަކާއި ބައްދަލު ކުރުން ކަމުގައި ވިޔަސް ނުވަތަ ހިތްހަމަ ޖައްސާލަން ކޮންމެވެސް ތާކަށް އަހަރެން އެކަނި ދިޔުން ކަމުގައި ވިޔަސް، އަހަރެން އެކަން ކުރަން. އަހަރެންގެ ޓީމަށްވެސް އިނގޭނެ އެކަން. އެހެންވީމަ ހުރިހާ ކަމަކަށްވެސް ވަގުތު ދީގެން، ވަގުތު ބަހާލައިގެން އުޅެނީ. ދިރިއުޅުން ވަރަށް ހަމަޖެހޭ މިގޮތަށް ބެލެންސް ކުރީމަ" އިންޓަވިއު މެއިލްގައި ޕްރިޔާންކާ ބުނެފައިވެއެވެ.

އޭނާގެ ދިރިއުޅުން ފުރިހަމަވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ އާއިލާއާއި ގާތް މީހުން ދޭ ހިތްވަރު ކަމަށާއި އެހެންކަމުން އެމީހުންނަށް އަބަދުވެސް ވަގުތު ދޭނެ ކަމަށް ވެސް ޕްރިޔާންކާ ވަނީ ބެނުފައެވެ.

މިއަދު އޮންލައިން