ތައިލަންޑުގެ ފޮތި ބާޒާރެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވުމުގައި އެންމެ 9 އަަހަރުގެ އަންހެން ކުއްޖަކު ކުރި މަސައްކަތް، މަންޒަރު ބަލަންތިބި އެންމެން ސިއްސުވާލައިފިއެވެ.
ގްރޭޑް 3 ގައި ކިޔަވަމުންދާ ޕިޔާދާގެ ބައްޕައަކީ ހިލޭ ސާބަހަށް އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މީހެކެވެ. އޭނާ އަލިފާން ނިއްވުމުގެ މަސައްކަތަށްދާއިރު ދަނީ އަނބިމީހާ އާއި ދަރިފުޅުވެސް ގޮވައިގެންނެވެ. ޕިޔާދާ އޭނާގެ ބައްޕައާއިއެކު އަލިފާން ނިއްވަން ދާންފެށީ އުމުރުން 6 އަަހަރުގައެވެ.
3 އަހަރު ދުވަހުގެ ތަޖުރިބާއިން މިހާރު ޕިޔާދާ އަކީ ބޮޑެތި ފިރިހެނުންނާއި އެއްފެންވަރަށް މަސައްކަތްކުރާ އަންހެން ކުއްޖެކެވެ.
މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ވަނީ އެތަނުގައި ހުރި ފޭރާން ގުދަންތަކުގައިވެސް ހިފައިފައެވެ. އެހެންކަމުން އަލިފާން ނިއްވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ނަމަވެސް ޕިޔާދާ ވަނީ އެކަމުގައި ހަރަކާތްތެރިވި ޕްރޮފެޝަނަލް މީހުންނާއި އެއްފެންވަރުގައި މަސައްކަތްކޮށްފައެވެ.