"ކަޕިލް ޝަރްމާ ޝޯވ" ގެ މަޖާކަން ގެއްލެނީބާ..؟ ޝޯވ ފްލޮޕް ވަނީބާ..؟

ކިޔުމަށް ހޭދަވާނީ 3މ 21ސ
"ކަޕިލް ޝަރްމާ ޝޯވ" ގެ މަޖާކަން ގެއްލެނީބާ..؟ ޝޯވ ފްލޮޕް ވަނީބާ..؟
ސޮނީ އިން މީގެ ހަތް ވަރަކަށް އަހަރު ކުރިން ދައްކަމުން ދިޔަ "ކޮމެޑީ ސަރކަސް" އިން ބެލުންތެރިންނަށް ތަޢާރަފްވި، މަޝްހޫޜު ކޮމީޑިއަން، ކަޕިލް ޝަރްމާގެ ޖާދޫ ގެއްލެނީހެން ހީވެއެވެ.

ސޮނީ ޓީވީ އިން ދައްކަމުން ދިޔަ، އޭނާގެ ޝޯވ "ދަ ކަޕިލް ޝަރްމާ ޝޯވ" އަކީ ވަރަށް ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބުނު ޝޯވ އެކެވެ. ގިނަ ބަޔަކު އެޝޯވ އަށް އިންތިޒާރު ކުރަމުން ދިޔައިރު، މިޝޯވ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންވެސް ގަވައިދުން ބަލާ ޝޯވ އެކެވެ. ގިނަ އެކްޓަރުން، އެމީހުންގެ ފިލްމު ޕްރޮމޯޓު ކުރުމަށްވެސް ކަޕިލް ޝަރްމާ ޝޯވ އަށް ދެއެވެ.

ކަޕިލް ޝަރްމާ ޝޯވ ހިޓްވުމަކީ، ކަޕިލްގެ ކެރިއަރަށް ލިބުނު ކުރިއެރުން ކަމުގައިވީ ނަމަވެސް، ޝޯވ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ކަޕިލް އާއި އެކު މިޝޯވގައި ހަރަކާތްތެރިވި އެހެން ކޮމީޑިއަނުން ތަކެއް ޝޯވ އިން ވަކިވެގެން ދިޔުމުން، ޝޯވ އަށް ލިބުނު ތަރުހީބު ވަރަށް ބޮޑުތަން ކުޑަވެއްޖެއެވެ.

އެޝޯވ ގައި މުހިންމު ރޯލެއް އަދާކުރި ސުނިލް ގްރޯވަރ (މަޝްހޫރް ޑރ. ގުލާޓީ) އާއި ކަޕިލް ޝަރްމާ އާއި ދެމެދު ވަރަށް ފަހުން ހިނގައިދިޔަ ބޮޑު ކަންތައްގަނޑެއްގެ ސަބަބުން، ޑރ. ގުލާޓީ ވަނީ ކަޕިލް ޝަރްމާ ޝޯވ އިން ވަކިވެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، ފްލައިޓެއްގެ ތެރޭގައި ކަޕިލް ވަނީ ވަރަށް ހުތުރު ބަހުން ޑރ. ގުލާޓީ އާއި ދިމާލަށް އެއްޗެހި ގޮވާފައެވެ. ކަޕިލްގެ ސީޓުގައި ޑރ. ގުލާޓީ އިށިންދެގެން އިނުމުން، ލަފުގައި ހިފާ ދަމާ ނަގާފައި، "ކަލޭތީ އަހަރެންގެ ނޯކަރެކޭ. ކަލޭ މަޝްހޫރުވީ އަހަރެންގެ ޝޯވ އިންނޭ. ކަލޭގެ ޝޯވ ވީ ފްލޮޕްއޭ" ބުނެ ކަޕިލްވަނީ އިންސާނިއްޔަތުކަން ގެއްލުވާލާފައެވެ. ފަހުން އެކަމަށް މަޢާފަށް އެދުން ކަމުގައި ވިޔަސް، އެކަންވީ ޑރ. ގުލާޓީއަށް ހިތުން ފުހެލަން އުނދަގޫ ކަމަކަށެވެ. ނަތީޖާއަކަށްވީ ކަޕިލް ޝަރްމާ ޝޯވ އިން ސުނިލް ގްރޯވަރ ނުވަތަ ޑރ. ގުލާޓީ ވަކިވުމެވެ.

މިކަންތައްގަނޑުގެ ސަބަބުން އެޝޯވ އިން ވަކިވީ ޑރ. ގުލާޓީ އެކަންޏެއް ނޫނެވެ. ކަޕިލް ޝަރްމާ ޝޯވ ގަައި ބެލުންތެރިން ދެން އެންމެ ބޮޑަށް ހެއްވާލި ކުޅަދާނަ ފަންނާނެއް ކަމަށްވާ އަލި އަސްގަރް (ނާނީ) ވެސް ޝޯވ އިން ވަނީ ވަކިވެފައެވެ. އަދި ނޯކަރެއްގެ ރޯލު އަދާކުރި ޗަންދަން ޕްރަބާކަރް ވެސް ވަނީ ކަޕިލް ޝަރްމާ ޝޯވ އިން ވަކިވެފައެވެ. މިތިން ކޮމީޑިއަނުންވެސް އެޝޯވ އިން ވަކިވީ، ޑރ. ގުލާޓީއާއި ދޭތެރޭ ކަޕިލް ކަންތައް ކުރިގޮތުންނެވެ.

ސުނިލް، އަލީ، އަދި ޗަންދަން ޝޯވ އިން ވަކިވުމުން، ކަޕިލް ނިންމީ އެހެން ކޮމީޑިއަނުން ޝޯވގައި ބައިވެރި ކޮށްގެން ކަޕިލް ޝަރްމާ ޝޯވ ކުރިއެރުވޭތޯ ބަލާށެވެ.

އެގޮތުން އެންމެ ފަހުން ދެއްކި ޝޯވ ގައި ކަޕިލް އާއި އެކު ކޮމީޑިއަން ރާޖޫ ޝްރިވާސްތަވް، ކިކޫ ޝަރްދާ، ސުމޯނާ ޗަކްރަވަރްތީ، ސުނީލް ޕާލް އަދި އަހްސާން ގުރޭޝީ ވެސް ބައިވެރިވިއެވެ.

ނަމަވެސް ޝޯވ އަލުން ދިރުވާ އާލާ ކުރެވޭތޯ މިހުރިހާ ކޮމީޑިއަނުންވެސް ކުރި މަސައްކަތް ދިޔައީ ފެނަށެވެ.

އޯޑިއެންސަށް އެކޮމީޑިއަނުންގެ ޖޯކުތައް މަޖާނުވިއިރު، ކަޕިލް އެރުމުންވެސް ޝޯވ މަޖައެއް ނުވިއެވެ. އެއްވެސް މީހެއްގެ ޖޯކަށް އޯޑިއެންސް އެވަރަށް ނުހެއުމުން، ޝޯވ ދައްކަން ފެށިތާ 15 މިނެޓުވެސް ނުވަނީސް، ކަޕިލް އެޝޯވ އެދުވަހު ކެންސަލް ކޮށްލީއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ، ބޮލީވުޑްގެ ފަންނާނުންވެސް މިދުވަސްކޮޅު އެޝޯވ އަށް ދާން އެއްބަސް ނުވާކަމަށާއި ކަޕިލް ޝަރްމާ ޝޯވ މިވަގުތު އޮތް ހާލަތުން، އެޝޯވ އަށް ދާން އެއްވެސް ދައުވަތެއް ޤަބޫލު ނުކުރާކަމަށެވެ.

ކަޕިލް ގެ ކެރިއަރަށް ބޮޑު ހިޔަންޏެއް އެޅިފައިވާއިރު، މިހިޔަނި އެޅުވީވެސް ޚުދު ކަޕިލް އަމިއްލައަކަށެވެ. ބައެއް ބެލުންތެރިން ކަޕިލް އާއި ދިމާލަށް ބުނެފައިވަނީ "ޖަނަވާރުން ދެކެ ލޯބިވެ އިޚްތިރާމް ކުރާ ގޮތަށް، އިންސާނުންނަށް ވެސް އިޚްތިރާމް" ކުރުމަށެވެ.
މިއަދު އޮންލައިން