އަވަށްޓެރި ސްރީލަންކާގައި H1N1 އާއި ޑެންގޫ ހުން ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވަމިންދާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ ލަންކާގެ މެދު ތެރޭގެ ބައެއް ސަރަހައްދުތަކަށް H1N1 ގެ ނުރައްކާ މިހާރު ބޮޑުވެފައިވާ ކަމަށާއި 115 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި 17 މީހަކު މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން 27،898 މީހުން ރިޕޯޓްކޮށްފައިވާއިރު ޑެންގޫ ހުމުގައި 53 މީހުން މަރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޑެންގޫ ހުމާއި H1N1 ފެތުރެމުންދާތީ ވެރިރަށް ކޮލަމްބޯ އާއި ހަމްބަންޓޯޓާ، ޖަފްނާ، ބަޓިކަލާއޯ ފަދަ ދިވެހިންގެ މެދުގައި މަޤުބޫލު ސަރަހައްދުތައް ހިމަނައިގެން 11 ސަރަހައްދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ.
އެ ޤައުމުން ބުނަނީ ހަލުވި ކަމާއެކު ޑެންގޫ ފެތުރެން މެދުވެރިވީ ރައްކާތެރި ނޫން ގޮތުގައި ކުނި ނައްތާލެވޭތީ އާއި މޫސުމަށް އައި ބަދަލާއި ގުޅިގެން ކަމަށެވެ.