އަބުދާބީގެ ބައަކަށް އިވުނީ ހަމަ ދެންމެ އުފަންވީ ތުއްތު ކުއްޖަކު ރޯއަޑެވެ. ގެތަކުން އަވަސް އަވަހަށް ނުކުމެ ބެލިއިރު އަޑު އަންނަނީ ސަރަހައްދުގައި ހުރި ކުނި ވަށިގަނޑުންނެވެ.
މީހުންތައް ކުނިވަށިގަނޑުކައިރިއަށް ގޮސް ބެލިއިރު ވަށިގަނޑުގައި އޮތީ ދާދި ދެންމެ ވިހެއި ތުއްތު ކުއްޖެކެވެ. އެމީހުން ކުއްޖާ ނެގުމަށްފަހު ފުލުހުންނަށް އެންގީއެވެ.
އަވަށްޓެރިން ފުލުހުންނަށް ދިން މަޢުލޫމާތުގެ އެހީގައި ޝައްކުކުރެވުނީ އެ ސަރަހައްދުގެ ގެއެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް އަންހެނަކަށެވެ. ތަޙްޤީޤަށް ގެންގޮސް ޑީއެންއޭ ޓެސްޓް ހެދިއިރު ދިމާވެއެވެ.
ތަޙްޤީޤްގައި އޭނާ ބުނީ އޭނާ ވިހެއީ ކައިވެނިން ބޭރުން ކަމަށެވެ. ކުއްޖާގެ ބައްޕައަކީވެސް އަބޫދާބީގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި ހޮސްޕިޓަލަށް ވިހަން ނުގޮސް ގޭގައި ސިއްރިޔާތުގައި ވިހެއީ ހޮސްޕިޓަލަށް ދިއުމުން ފުލުހުންނަށް ރިޕޯޓްކުރާނެތީ ކަމަށެވެ.
އަންހެން މީހާ ކޯޓުގައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމަށްފަހު ބުނީ އޭނާގެ ދަރިފުޅު ވިހޭތަނުން ހޭނެތުނު ކަމަށާއި ކުއްޖާ ކުނިވަށިގަނޑަށް ނުލާ ކަމަށެވެ. އަދި ދަރިފުޅު ކުނިވަށިގަނޑަށްލީ ކާކުކަން ނުވެސް އެނގޭ ކަމަށެވެ. ކުއްޖާގެ ބައްޕަވެސް ވަނީ އެކަމުން ރެކިފައެވެ.
ދަރިފުޅު ދެކެލަން ބޭނުންކަމަށް ކޯޓުގައި ބުނުމުން ފަނޑިޔާރު ވިދާޅުވީ ޤާނޫނީ މަރުހަލާތައް ނިމުމުން ނޫނީ ދަރިފުޅު ނުދައްކާނެ ކަމަށެވެ.
ޝަރީއަތުގެ އަޑުއެހެންތައް ކުރިއަށް އޮތީއެވެ!