ބަރުދަނަށް ބެލުމަކި ނުކައި ހުރުމެއް ނޫން- ދިޕިކާ
ބަރުދަން ލުއިކުރަން ނުވަތަ ރީތި ބައްޓަމެއްގައި ހުންނަން ރަނގަޅަށް ނުކައި ހުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ މިކަމަށް އެންމެ ރަނގަޅު ހައްލެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަޑުކޯން ވަނީ ބުނެފައެވެ.
ދިޕިކާ ޕަޑުކޯންއަކީ ރީތި އިސްކޮޅަކާއި ބައްޓަމެއް ހުންނަ އަދި އެކްޓު ކުރުމަށްވެސް އެހާމެ ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ރީތިކަމުގެ ފަހަތުގައިވަނީ ކޮން ސިއްރެއްތޯ، ނުވަތަ އެރީތިކަން ދަމަހައްޓަން އޭނާ ކުރަނީ ކޮން ކަމެއްތޯ ގިނަ ބަޔަކު އެނގެން ބޭނުންވެއެވެ.
ވޯގް ގެ ވޯކްއައުޓް ގުރޫ ޔާސްމިން ކަރާޗިވާލާ ބުނެފައިވަނީ "ދިޕިކާ އަކީ އަބަދުވެސް ކަސްރަތުކުރުމަށް ވަރަށް ޝައުޤުވެރިވާ އެކްޓްރެސް އެއް" ކަމަށާއި "މިހާރުވެސް އޭނާގެ ހަށިގަނޑު ހުރީ ރީތިކޮށް ކަމުގައި ބުންޏަސް، ކޮންމެ ކަސްރަތެއްވެސް އެންމެ ފުރިހަމަކަމާއިއެކީ ކުރާ މީހެއް" ކަމަށެވެ.
ދިޕިކާއަކީ ޝޫޓިންގ ނޯންނަ ކޮންމެ ދުވަހަކުވެސް ގަވައިދުން ކަސްރަތުކުރާ އެކްޓްރެސް އެކެވެ. ނަމަވެސް ހަށިގަނޑަށް މިވަރަށް ބަލައިގެން އުޅޭއިރު، އޭނާ އެކަމަށްޓަކައި ކެއިން ބުއިން ހުއްޓައެއް ނުލައެވެ. ދިޕިކާ ބުނެފައިވާ ގޮތުގައި، ބަރުދަން ލުއި ކުރުމަކީ ނުކައި ހުރުމެއް ނޫނެވެ. ނަމަވެސް އެއީ ފައިދާހުރި ރަނގަޅު ކާނާ ގަޑިން ގަޑިއަށް ކެއުމާއި، ކަސްރަތު ކުރުމެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ކޮންމެ ދުވަހަކުވެސް ދިޕިކާ ހެނދުނުގެ ނާސްތާ ނަގައެވެ. އަދި އޭގެ އިތުރުން ފައިދާހުރި ރަނގަޅު ކާނާ ވެސް ކައެވެ.
ދެން ސުވާލު އުފެދެނީ، އެފަދަ ރީތި އެކްޓްރެސްއެއް ހަމަ އެއްވެސް ވަރަކަށް ކެއިން ބުއިމަށް ސަމާލުކަން ނުދެނީތޯއެވެ. ނޫނެކެވެ. ސަމާލުކަން ދެއެވެ. ދިޕިކާ ޤަބޫލުކުރާ ގޮތުގައި ކާންވާނީ ލޮލުންނެއް ނޫނެވެ. ބަނޑުހައި ހޫނުކަން ފިލާވަރަށް، ބަނޑު ފުރޭވަރަށެވެ. އެއަށްވުރެ މަދުންނެއް އަދި ގިނައިންނެއް ވެސް ނޫނެވެ. އަދި ކޮންމެ ކެއުމަކަށްފަހު އަލުން ކެއުމާއިި ދެމެދު ހަތަރު ވަރަކަށް ގަޑީރު ދިޕިކާ ހޭދަ ކުރެއެވެ. އެއީ ކާއެއްޗެހި ހަޖަމުވާން ދޭ ވަގުތުކޮޅެކެވެ.
މީގެއިތުރުން، ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ނަފްސާނީ ގޮތުންވެސް ތައްޔާރުވެފައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދިޕިކާ ދެކެއެވެ. މީގެ އަހަރުތަކެއް ކުރިން "ޑިޕްރެޝަން" އާއި ކުރިމަތިލާން ޖެހުނު ބޮލީވުޑްގެ މިހުނަރުވެރި އެކްޓްރެސް ވަނީ އެކަމަށް ބޭސް ފަރުވާ ވެސް ކޮށްފައެވެ.
ނަމަވެސް ވަރަށް ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއު އެއްގައި އޭނާ ބުނެފައިވަނީ އެދުވަސްވަރު ކުޅިވަރުތައް ކުޅުމުން ވެސް، ޑިޕްރެޝަނުން އަރައިގަންނަން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުން ކަމަށެވެ.