މަޖިއްޓޭގެ އެނބުރި އައުން. ސަޕޯޓަރުންގެ އުއްމީދުތަކާއި ގުޅިފައި..

ކިޔުމަށް ހޭދަވާނީ 2މ 48ސ
މަޖިއްޓޭގެ އެނބުރި އައުން. ސަޕޯޓަރުންގެ އުއްމީދުތަކާއި ގުޅިފައި..

ޢަބްދުލްމަޖީދު އިބްރާހިމް އޭ ބުނުމުން ބައެއް މީހުންނަށް ނޭނގިދާނެއެވެ. ނަމަވެސް އޭދަފުށި މަޖިއްޓޭ އޭ ބުނުމުން ނޭނގޭނެ މީހަކު ނުހުންނާނެއެވެ.

ޔަޤީނުންވެސް ފުޓްބޯޅައިގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މީހުންގެ ލޯތައް އެ މީހަކަށް އަމާޒުވެފައިވާ އެކަކީ އޭނާއެވެ. ރާއްޖޭގެ ބޮޑެތި ކުލަބުތަކުންވެސް މަޖިއްޓޭގެ އެހީތެރިކަމަށް ބޭނުންވެގެން ބޮޑެތި ޢަދަދުތަކުންވެސް ވަނީ ހުށަހަޅާފައެވެ.
ނަމަވެސް އެ ހުރިހާ ހުށަހެޅުމަކަށް "ނޫނެކޭ" ބުނަމުން މަޖިއްޓޭ ދިޔައީ އޭދަފުއްޓަށާއި ބ. އަތޮޅަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދެމުންނެވެ. ކާމިޔާބީއަކީ ކޮންމެހެން ޤައުމީ ޓީމެއްގައި އެކަނި ހޯދޭނެ ނުވަތަ ހޯދާ ކާމިޔާބީއެއް ނޫނެވެ.

ރާއްޖޭގެ ޤައުމީ ޓީމުންނާއި ރާއްޖޭގެ ބޮޑެތި ކުލަބުތަކުން މަޖިއްޓޭގެ ހުނަރު ނުފެނުނަސް، އޭނާއަކީ ފުޓްބޯޅައިގާ ހުނަރުން ފުރިފައިވާ "ތަރި" އެކެވެ. ކޮއްޓުމާއި ނެއްޓުމުގައި މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.

މިހުރިހާކަމެއް މިހެން ހުރި އިރު، މަޖިއްޓޭގެ ސަޕޯޓަރުންނަށް ކުއްލި ޝޮކެއް ލިބުނީ ފައިބެއަހަރަށްފަހު، އޭދަފުށި ޓީމުން އޭނާ ދެން ނުފެންނާނެ ކަމަށް ބުނުމުންނެވެ. އާދެ! އޭދަފުށި ޓީމުން ރިޓެޔަރ ކުރުމުންނެވެ. އޭނާ އާ އެއްފެންވަރަށް ދަނޑުމަތީގައި ހުނަރު ދައްކާލެވޭނެ މަދު ކުޅުންތެރިން ފެންނަމުން ދިޔަސް ސަޕޯޓަރުން އަދިވެސް ބޭނުންވަނީ މަޖިއްޓޭގެ ކުޅުން ފެންނާށެވެ.
ސަޕޯޓަރުންގެ މި އުއްމީދުތަކަށް އާރޯކަމެއް ގެނެސްދިނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ޒާހިދު (ބައްޓޭ) އެވެ. އޭދަފުށީ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ބައްޓޭގެ އެދުމަށް ކެޕްޓަން މަޖިއްޓޭ މިވަނީ އެނބުރި އޭދަފުށީ ޓީމާއި ގުޅިފައެވެ.
ޢުމުރުން 38 އަހަރުގެ މަޖިއްޓޭ އާބެހޭ ގޮތުން ބައްޓޭ ބުނެފައިވަނީ މަޖިއްޓޭ ޓީމާ ގުޅުމަށް އެދުނީ މިވަގުތުގެ ހާލަތުގެ ގޮތުންކަމަށާއިމަޖިއްޓޭގެ ބޭނުން އަދިވެސް ޓީމަށް ވަރަށްބޮޑުކަމަށެވެ. އަދި މަޖިއްޓޭގެ ފޯމް މިވަގުތުވެސް ހުރީ ވަރަށް ރަނގަޅަށްކަމަށާއި އޭނާގެ ކުޅުމާއިމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ ކަމަށެވެ.

އޭދަފުށީގައި މާދަމާ ފަށާ މިނިވަން ޗެންޕިއަންޝިޕްގެ ބ. އަތޮޅުމުބާރާތުގެ ފުރަތަމަ މެޗުގައި ދަރަވަންދޫއާއި އޭދަފުށި ބައްދަލުކުރާ މެޗާއިބެހޭގޮތުން ބައްޓޭ ބުނީ މިކަހަލަ މެޗަކަށް ހަމައެކަނި ޒުވާން ކުޅުންތެރިންނާއެކު ނުކުތުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި މަޖިއްޓޭ ދަނޑުމަތީގައި ހުރުންވެސް އެއީ އިދިކޮޅު ޓީމަށް ވަރަށް ބޮޑު ޕްރެޝަރއަކަށް ވާނެ ކަމަށެވެ.

ފުޓްބޯޅަ ކުޅުމުގައާއި ކޯޗެއްގެ ގޮތުގައިވެސް ގިނަ ކާމިޔާބީތައް ހޯދާފައިވާ ބައްޓޭ ބުނީ އެންމެ ފަހުވަގުތު ޓީމާއި ޙަވާލުވާން ޖެހުމުން ޓީމު އެކުލަވާލަން އެކަށީގެންވާ ވަގުތު ނުކިބުނު ކަމަށެވެ. އެހެންނަމަވެސް ސަޕޯޓަރުން އުއްމީދުކުރާވަރުގެ ނަތީޖާއެއް ނެރެދިނުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

މާދަމާގެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި އިދިކޮޅުން ނުކުންނަ ދަރަވަންދޫ ޓީމުގައިވެސް ހުނަރުވެރި މޮޅު ކުޅުންތެރިން ތިބި ކަމަށް ބައްޓޭ ބުންޏެވެ.
މިނިވަން ޗެންޕިއަންޝިޕްގައި ބ. އަތޮޅުން މިއަހަރު ވާދަކުރަނީއޭދަފުއްޓާއި ދަރަވަންދޫ އެކަނި ކަމަށްވާއިރު، ދަރަވަންދޫގައި ކުޅޭ ދެވަނަ މެޗު އޮންނަ ތާރީޚް އަދި އިޢުލާން ނުކުރެއެވެ.
ކޮންމެއަކަސް ޓީމުގެ ޙާލަތަށް ބަލައި، މަޖިއްޓޭގެ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލު ކުރެވެއެވެ. އެހެންމީހުންނަށް، އެމީހެއްގެ ބޭނުން އެންމެ ބޭނުންވާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަކީ މާތް ސިފައެކެވެ.

ހަމަޔަޤީނުންވެސް މަޖިއްޓޭގެ އަކީ ސަޕޯޓަރުންގެ އުއްމީދުތަކާއި ގުޅިފައިވާ ސަޕޯޓަރުންގެ އުއްމީދެވެ.
މިއަދު އޮންލައިން