އިންޑިއާއަށް ދަތުރު ކުރުމަށް ވިސާ ދޫކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށްވުރެ މިނިވަން ވިސާ ރެޖީމް އެއް އިންޑިއާ ސަރުކާރުން ތަޢާރަފްކޮށްފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އިން އެ ޤައުމުގެ ހޯމް މިނިސްޓަރ ރަޖްނާތު ސިންގ އާ ޙަވާލާދީ ބުނެފައިވަނީ ކުރިއަށްވުރެ މިނިވަން ވިސާ ރެޖީމްއެއް އިންޑިއާ ސަރުކާރުން މި އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު ތަޢާރަފްކޮށްފައިވާ ކަމަށެވެ.
އާ ޤަވާޢިދުގެ ދަށުން އޮންލައިންކޮށް ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ ހޯދާ މީހުންނަށް އިންޑިއާގައި ދެ މަސް ދުވަސް ހޭދަކުރެވޭ އިރު، އެ ވިސާގައި ދެފަހަރު ދަތުރުވެސް ކުރެވޭނެއެވެ.
ކުރީގެ ޤަވާޢިދުގައިވާ ގޮތުން ޚާއްޞަ ގޮތްތަކެއް ހަމަޖައްސާފައިވާ ވަކި ޤައުމުތަކެއް ފިޔަވައި އެހެން ޤައުމުތަކުގެ މީހުންނަށް ޓޫރިސްޓް ވިސާގައި އެއްމަސް ދުވަހަށް ލިބޭ އިރު، އެ ވިސާގައި އިންޑިއާއަށް ދަތުރުކުރެވެނީ އެއް ފަހަރުއެވެ. އަދި މެޑިކަލް ވިސާގައި ދަތުރުކުރާ މީހުންނަށް ކުރިން އިންޑިއާއަށް އެތެރެވެވެނީ ދެފަހަރު ކަމަށް ވިޔަސް ފަހުގެ ޤަވާޢިދުގައި ތިން ފަހަރު ދަތުރުކުރެވޭނެއެވެ.
އިންޑިއާއިން ޚާއްޞަ އިނާޔަތްތަކެއް ދީފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި ރާއްޖވެސް ހިމެނޭ އިރު، އެ ޤައުމުތަކުގެ މީހުންނަށް ޓޫރިސްޓް ވިސާގައި 3 މަސްދުވަހު މިހާރުވެސް ހޭދަކުރެވެއެވެ.
އަލަށް ޢަމަލުކުރަން ފެށި ޤަވާޢިދުގައި ކުއްލިއަކަށް އިންޑިއާއަށް ދަތުރު ކުރަން ޖެހޭ ހާލަތްތަކުގައި ހުށަހަޅާތާ 48 ގަޑި އިރުގެ ތެރޭގައި ވިސާ ދޫކުރާނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ވިސާ ދޫކުރުމަށް ގެނައި ބަދަލުގައި ހިމެނޭ އާ ކެޓަގަރީތަކުގެ ތެރޭގައި އެއް އަހަރު ދުވަހަށް ދޫކުރާ "ފިލްމް" ވިސާ އާއި "އިންޓަރން" ވިސާ ހިމެނެއެވެ.
ވިސާ ދޫކުރުމުގެ އިންތިޒާމް ފަސޭހަކުރީ އިންޑިއާގައި ޓޫރިޒަމް ކުރިއެރުވުމަށާއި ވިޔަފާރި އާއި އިންވެސްޓްމެންޓާއި ގުޅޭ ކަންކަމުގައި އިންޑިއާއަށް ދަތުރުކުރާ މީހުންގެ ޢަދަދު އިތުރުކުރުމަށް ކަމަށް އެ ޤައުމުން ބުނެއެވެ.