މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ނ. އަތޮޅު ބުރު މިއަދު ފަށައިފިއެވެ.
ސޮކަރ ވެޓްރަންސް އެސޯސިއޭޝަނުން އިން އިންތިޒާމުކޮށްގެން ނ. އަތޮޅަށް ހުޅުވާލި މި ފުރުޞަތުގައި އެ އަތޮޅުގެ ވަރަށް ގިނަ ރަށްތަކުން ހިފާފައިވާ އިރު، މި ފިއެސްޓާގައި އެ އަތޮޅުގެ 19 ސްކޫލަކުން 342 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިއަދާއި މާދަމާ ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި ފެސްޓިވަލް ނުވަތަ ފިއެސްޓާގައި ޕްރީ ސްކޫލް ބައިން 10 ސްކޫލް، ގްރޭޑް އެކެއް އަދި ދޭއްގެ ބައިން 9 ސްކޫލް ވަނީ ބައިވެރިވެފައެވެ.
ޕްރީ ސްކޫލް ބައިން ބައިވެރިވެފައިވަނީ މާފަރު ޕްރީ ސްކޫލާއި މަގޫދޫ ޕްރީ ސްކޫލާއި ލަންދޫ ޕްރީ ސްކޫލާއި ކެނދިކުޅުދޫ ޕްރީ ސްކޫލާއި މޭނާ ޕްރީ ސްކޫލާއި ޅޮހީ ޕްރީ ސްކޫލެވެ. އަދި ހިދާޔާ ޕްރީ ސްކޫލާއި ނ. އަތޮޅު ޕްރީ ސްކޫލާއި ކުޑަފަރީ ޕްރީ ސްކޫލާއި ފޮއްދޫ ޕްރީ ސްކޫލެވެ.
ގްރޭޑް އެކާއި ދޭއްގެ ބައިގާ ބައިވެރިވެފައިވަނީ މާފަރު ސްކޫލާއި ލަންދޫ ސްކޫލާއި ކެނދިކުޅުދޫ ސްކޫލާއި މޭނާ ސްކޫލާއި ޅޮހީ ސްކޫލާއި ހިދާޔާ ސްކޫލާއި ނ. އަތޮޅު ސްކޫލާއި ކުޑަފަރީ ސްކޫލް އަދި ފޮއްދޫ ސްކޫލެވެ.
މިއީ މި ފިއެސްޓާ ނ. އަތޮޅަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވާ އިރު، މި ފިއެސްޓާ ހުޅުވުމުގެ ގޮތުންވަނީ ތުއްތުކުދިންގެ ނެށުމުގެ ހަރަކާތްތަކަކާއި ތަފާތު އެކު ހަރަކާތައް ބާއްވާފައެވެ. އަދި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެތަން ބެލުމަށް ޖަމާވެފައެވެ.
މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގެ މިއަހަރުގެ ފުރަތަމަ ބުރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ. އެ ބުރުގެ ގްރޭޑް 2ގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދި އިރު، ގްރޭޑް 3ގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލެވެ.