ފްރާންސްގެ ލެޖެންޑް އަދި ކުރީގެ ފޯވާޑު ނިކޮލަސް އަނެލްކާ އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
އެހެންނަމަވެސް މިފަހަރު އޭނާ އަންނަނީ ފުޓްބޯޅަ ކުޅޭކަށް ނޫނެވެ. ޑަޗު ލީގުގެ ކުލަބެއް ކަމަށްވާ ރޯޑާ ޖޭސީ ކަރުކުރޭޑުގެ ކޮންސަލްޓެންޓަކަށެވެ.
އެންމެ ފަހުން އަނެލްކާ ފެނިފައިވަނީ 2015 ވަނަ އަހަރު އިންޑިއަން ސުޕަރލީގުގެ މުމްބާއީ އެފްސީގެ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗުގެ ގޮތުންނެވެ. އަދި އެއަށް ފަހު ފުޓްބޯޅައިގެ ތެރެއިން އަނެލްކާ ފެނިފައެއް ނުވެއެވެ. ނަމަވެސް ފުޓްބޯޅައިން މުޅިން ދުރަށް ދިޔަކަން އިޢުލާންކޮށްފައެއް ނުވެއެވެ.
ޢުމުރުން 37 އަހަރުގެ އަނެލްކާ އާއިބެހޭގޮތުން ރޯޑާ ޖޭސީގެ ޓެކްނިކަލް ޑިރެކްޓަރ ބުނެފައިވަނީ އަނެލްކާ އަކީ ހަމައެކަނި ކުޅުމުގެ ތަޖުރިބާގެ ހުރި ކުޅުންތެރިއެއް ނޫން ކަމަށާއި ފުޓުބޯޅަ ކުރިއަރުވާ، ތަރައްޤީ ކުރުމުގެ ވިސްނުންވެސް އެބަހުރި ކަމަށެވެ.
"އަނެލްކާ ލިބުމަކީ އަހަރުމެންގެ ކުލަބަށް ލިބުނު ވަރަށް ހެޔޮ ފާލެއް. އޭނާ (އަނެލްކާ) ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު ވަރަށް އަވަހަށް ހާމަކުރާނަން" ރޯޑާ ޖޭސީގެ ޓެކްނިކަލް ޑިރެކްޓަރ ބުންޏެވެ.
ކުލަބަށް އަނެލްކާ ފަދަ މީހެއްގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އަނެލްކާ ކުރަން ޖެހޭ މަސައްކަތުގެ ތަފްސީލް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޕީއެސްޖީ އިން ފުޓްބޯޅަ ކެރިއަރ ފަށާފައިވާ އަނެލްކާ ވަނީ އާސެނަލް، ޗެލްސީ، ރެއާލް މެޑްރިޑް، ފެނަބާޗޭ، މެންޗެސްޓަރ ސިޓީ އަދި ލިވަރޕޫލް ފަދަ ބޮޑެތި ޓީމުތަކަށާއި ފްރާންސްގެ ޤައުމީ ޓީމުގައިވެސް ހުނަރުވެރި މޮޅު ކުޅުމެއް ދައްކާ، ގިނަ ބައެއްގެ ރުހުން ހޯދާފައެވެ.