މިއީ ބަންގްލަދޭޝްގެ ޑާކާއަށް އުފަން ޒުވާން ފިރިހެނަކަށް ދިމާވި ހަޤީޤީ ހާދިސާ އެކެވެ.
"އަހަރެން އުފަންވީ 1990 ވަނަ އަހަރު ޑާކާއަށެވެ. އެންމެ ތުއްތު އިރުން ފެށިގެން، ބޮޑުވުމާއި ހަމަޔަށް ވެސް އަހަރެން އުފަންވީ ވަރަށް ވެސް އުފަލުގައެވެ. ބޮޑުވަމުން އައި އިރު ކޮމްޕިއުޓަރާއި ކޭބަލް ޓީވީފަދަ އެއްޗެހި އަހަރުމެން ގޭގައި ނެތް ނަމަވެސް، އަހަރުމެންގެ ދިރިއުޅުން ވަރަށް ވެސް ހަމަޖެހެއެވެ. ބަންގީގެ އަޑަށް ނަމާދަށް އަވަސްވެ ގަންނަކަން އަހަރެން އަދިވެސް ހަނދާން ހުރެއެވެ. އެޒަމާނުގައި ޑާކާގައި، ކުޅެން ދާން ބޮޑެތި ބިން އެވެއެވެ. އެހެން ކަމުން އަހަންނާއި އަހަރެންގެ އެކުވެރި ރަޙްމަތްތެރިން ބޭރަށް ނިކުމެ ބެޑްމިންޓަން ފދަ ކުޅިވަރުތައް ކުޅުނީމެވެ.
ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ރަޙްމަތްތެރިންގެ އުޅުން ބަދަލުވާން ފެށިއެވެ. އަހަންނަށް ހަނގާކޮށްއަހަރެން ގައިގާ ތަޅަންފެށިއެވެ. ކުޅެން ދިޔުމަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން ގެއަށްދަނީ ރޮވިފައެވެ. ގައިގެ އެތަން މިތަން ހުންނަނީ ހަލާކުވެފައެވެ. އަހަރެންގެ މައިންބަފައިންނަކީ އެންމެންނާއި ވެސް ވަރަށް ސުލްޙަވެރިކޮށް އުޅޭ ބަޔަކަށްވާތީ، އެކުދިން އަހަރެން ގައިގާ ޖެހިޔަސް، އަހަރެން ނުޖެހުމަށް ބުންޏެވެ. ފަހުން އަހަރެން ގާތު ބުނީ ބޭރަށް ކުޅެން ނުގޮސް ގޭގައި އިނދެ ކޮންމެވެސް ފޮތެއް ކިޔުމަށެވެ. އެއީ ރަނގަޅު ކަމެއް ގޮތުގައި އަހަންނަށް ފެނި އަހަރެން ދެން ގޭގައި އިންނަން ފެށީމެވެ.
ދުވަސްކޮޅެއް ފަހުން އަހަރުމެންނަށް ޖެހުނީ އެހެން ގެއެކަށް ބަދަލުވާށެވެ. އެހެންކަމުން މެދުމަދަރުސީ ތަޢުލޫމު އުނގެނުމަށް އަހަރެން ދިޔަ ސްކޫލްވެސް ބަދަލުވިއެވެ. މިޝަނަރީ ސްކޫލަކަށް ބަދަލުވުން އެއީ ލިބުނު ޝަރަފެއް ކަމުގައި އަހަރެން ދެކުނީމެވެ. ނަމަވެސް ކަންތައްތައް ބަދަލުވާން ފެށިއެވެ. އަހަރެން ރޮމުން ރޮމުން ގެއަށް ދާތަނެއް ފަހުން އަހަރެންގެ މައިންބަފައިންނަކަށް ނުފެންނާނެއެވެ. އެއީ އަލަށް ދިޔަ ސްކޫލްގައި އުޅޭ ސީނިއާރ ކުދިން އަހަންނަށް ހަނގާ ކުރިޔަސް އެވާހަކަ އަަހަރެން މައިންބަފައިން ގާތު ނުބުނަމެވެ. އެސްކޫލުން އަހަންނަށް ދޭން ފެށި ހޯމްވޯކްތައް ވެސް އެހާމެ ގިނައެވެ. އަދި ބައެއް ޓީޗަރުން އިތުރުގަޑީގައި ކިޔަވާވެސް ދޭން ފެށުމުން، މުޅި ދުވަސް ހޭދަ ކުރަން ޖެހުނީ ކްލާސްތަކަށް ދިޔުމާއި ޓިއުޝަނަށް ދިޔުމުގެ އިތުރުން ބައިވަރު ހޯމްވޯކްތައް ހެދުމަށެވެ.
ކިޔެވުމުގެ ޓެންޝަން އަހަންނަށް ވަރަށް ބޮޑުވިއެވެ. އަހަންނަށް އެވަރަށް ނުކިޔެވި އަހަރެންގެ ޓީޗަރުުންވެސް އަހަރެންދެކެ ފޫހިވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން އެއަހަރު ފެއިލްވިއެވެ. އަހަރެންގެ މައިންބަފައިންނަށް އަހަންނަށް އަަޅަމުން ދިޔަ ވޭން ވިސްނިގެން، ނިންމީ އަނެއްކާވެސް އަހަރެންގެ ސްކޫލް ބަދަލު ކުރުމަށެވެ. ނަމަވެސް އެފަދަ މަތީ ސްކޫލަކުން ދަށް ގްރޭޑެއް ލިބުމުން، އެހެން ރަނގަޅު ސްކޫލަކުން އަހަންނަށް ޖާގަ ލިބޭ ގޮތެއް ނުވިއެވެ. ކިޔެވުމަށް ދަށް ކުއްޖަކަށް ފުރުސަތު ދޭން އޭގެން އެއްވެސް ސްކޫލަކުން ބޭނުން ނުވީއެވެ.
އެންމެ ފަހުން އަހަންނަށް ޖާގަ ލިބުނީ ޑާކާ ގައި އެވަގުތު ހުރި ދަށް ސްކޫލްތަކުގެ ތެރެއިން ސްކޫލަކުންނެވެ. އަދި ކަން ދިމާކުރި ގޮތުުން އަހަރެންގެ ކްލާހުގައި ފިރިހެން ކުއްޖަކަށް އިންނަނީ އަހަރެން އެކަންޏެވެ. ބާކީ ތިބި 20 ކުދިންނަކީ އަންހެން ކުދިންނަށް ވެފައި، އެމީހުންނާއި ވާހަކަ ދައްކަން އަހަރެން ލަދު ގަންނާތީ އެމީހުންވެސް އަހަރެން ހަނގާ ކުރަން ފެށިއެވެ.
މިކަންތައްތަކުގެ ސަބަބުން ނަފްސާނީ ގޮތުން އަހަންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. މީހުންނާއި ވާހަކަ ދައްކާ ހިތް ކެނޑެން ފެށިއެވެ. އަދި އޭގެ އިތުރުން، ކޮމްޕިއުޓަރުން ގޭމް ކުޅޭ އިރު، ތަޅާފޮޅާ ގޭމްފަދަ އެއްޗެހި ކުޅެވެން ފެށިއެވެ. އަހަންނަށް އެފަދަ ބަދަލު އަންނަން ފެށުމުން، މަންމަ އަހަރެން ގާތު ބުނީ މިސްކިތަށް ގޮސް ގިނަގިނައިން ނަމާދު ކުރުމަށެވެ. މިސްކިތުން އަހަންނަށް މީހަކާއި ވަރަށް ދިމާވާން ފެށިއެވެ. އޭނާ އަހަންނަށް ވަރަށް ބަލާކަން ވެސް ފާހަގަވާން ފެށިއެވެ.
ކްލާހުގައި އުޅުނު އަންހެން ކުއްޖަކު، އެއްދުވަހު އަހަންނާއި ދިމާލަށް ވަރަށް މަލާމަތްކޮށް އެއްޗެހި ގޮވާހެދިއެވެ. އެކަމާ ދެރަވެގެން މިސްކިތަށް ގޮސް އިނދެ އަހަންނަށް ރޮވުނެވެ. މިބުނާ މީހާ އަހަރެން ގާތަށް އައިސް ކިހިނެއް ވީތީ އެހިއެވެ. އާއްމުގޮތެއްގައި އަހަންނަކީ ނުދަންނަ މީހުންނާއި ވާހަކަ ދައްކާ މީހެއް ނޫނެވެ. ނަމަވެސް އެދުވަހު އަހަންނަށް ބޭއިޚްތިޔަރުގައި އޭނާއަށް ހުރިހާ ވާހަކަތަކެއް ވެސް ކިޔާދެވުނެވެ. އަހަރެންގެ ކިޔެވުމާއި ހުރިހާ ކަމެއްވެސް ބަދަލުވަމުން އައި ގޮތެވެ. އަދި އަހަންނަށް އަނިޔާކުރާ އެންމެންނަށް ގޯނާކުރަން ބޭނުންވާ ކަމަށްވެސް ބުނެވުނެވެ. އޭނާ އަހަރެން ގާތު ބުނީ އަންހެން ކުދިންނަކީ ދުނިޔެމަތީގެ ހަލާކު ކަމަށާއި އެއީ ވަރަށް ނުބައި ބައެއް ކަމަށެވެ.
އޭގެ ފަހުން އޭނާއާއި އަހަރެން ވަރަށް ގިނައިން ދިމާވެއެވެ. އަހަރުމެންނަކީ ރަޙްމަތްތެރިން ކަމުގައި ވިއެވެ. ރަމަޟާންމަސް ގާތްވަމުން އައެވެ. އެއްދުވަހަކު އަހަރެން ސްކޫލަށް ދަނިކޮށް އެނާއާއި ދިމާވިއެވެ. އޭނާ އަހަރެން އަތަށް ދިނީ ލީފްލެޓެކެވެ. އެއީ ޒުވާން މުސްލިމުންގެ އެއްވުމަކަށް ދީފައިވާ ދައުވަތެކެވެ. އަހަރެންގެ މަންމަ ނުފޮނުވާނޭ ބުނުމުން އޭނާ ބުނީ، ދީނަށްޓަކައި ކުރާ އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ބަލަން ނުޖެހޭނެ ކަމަށެވެ. އޭނާ އެހެން ބުނުމުން އަހަރެން ބުނީ، ނަމަވެސް ސުވަރުގެ ވަނީ މައިމީހާގެ ފައިދަށުގައި ކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ ނޫންހޭ ބުނުމުން، ޢަރަބިން އޭނާ ކޮންމެވެސް އެއްޗެއް ބުންޏެވެ. އަދި އެއީ އޭނާ އެބުނި ބަސް ސާބިތުކޮށްދޭ އާޔަތެއް ކަމުގައި ބުންޏެވެ.
ކޮންމެހެނަކަސް އޭނާ އެެހެން ބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަދި ގެއަށް ގޮސް މަންމައާއި ސުވާލު ކުރީމެވެ. މަންމަ ގާތު އަހަރެން އެހީ ތެދެއްހޭ، ދީނަށްޓަކައިނަމަ މަންމައަށް ވެސް ބަލަން ނުޖެހޭހޭ އެހުމުން ވެގެން އުޅޭ ގޮތް މަންމަ އެހިއެވެ. މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދީ އެލީފްލެޓް ވެސް ދެއްކީމެވެ.
އެއަށްފަހު، މަންމަ އަހަރެން ގާތު އިށީންދެ، އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. މަންމަ ބުނީ، އެމީހާ އެއުޅުނި އިސްލާމްދީނަށްޓަކައޭ ކިޔާފައި ޓެރޮރިސްޓު ޖަމާޢަތަކަށް އަހަރެން ގެންދަން ކަމަށެވެ. އަދި އެފަދަ މީހުން އެމީހުންގެ މަޅީގައި އާއްމުކޮށް ޖައްސާނީ ހިތާމައިގަ އުޅޭ މީހުންކަމަށް ވެސް މަންމަ ވިސްނާދިނެއެވެ.
އަހަރެން ބިރުގަތެވެ. އަދި އެއަށްފަހު، ގިނައިން ނަމާދު ކުރަނީ ގޭގައެވެ. އަހަންނަށް ފަހުން ޚަބަރުތަކުންނާއި އެއްޗެހިން އެނގުނީ އެފަހަރު އަހަރެން ގެންދަން އުޅުނީ ބަންގްލަދޭޝް ގެ ޙިޒްބުއްޠާޙިރު ބަންގްލަދޭޝް ކިޔާ ޓެރަރިސްޓު ޖަމާޢަތަކުން ބޭއްވި އެއްވުމަކަށް ކަމަށެވެ. އަދި އަހަރެންގެ ކުރީގެ ބައެެއް ރަޙްމަތްތެރިން އެޖަމާޢަތާއި ގުޅުން ޚަބަރުވެސް ލިބުނެވެ. އެޚަބަރުތައް އިވުމުން އަހަރެން ހިތަަށް އެރީ، އެދުވަހު އަހަރެންގެ މަންމަ އަހަރެން ސަލާމަތް ނުކުރިނަމަ، ޓެރަރިސްޓުންގެ ނަމުގެ ލިސްޓުގައި އަހަރެންގެ ނަން ވެސް އިންނާނެކަމެވެ.