ކްލަބު މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެފަހުގެ ޗެމްޕިއަން އިމިގްރޭޝަނުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމުނު އިރު، އައިޖީއެމްއެޗު ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.
ރޭ ފެށި މި މުބާރާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަށް ލަނޑެއް ނުޖެހިއެވެ.
ވިމެންސް ފިއެސްޓާގެ 'ގްރޫޕް ސީ'ގައި އިމިގްރޭޝަނާއި އެމްޕީއެލްގެ ކުރިމަތިލުން އެއްވަރުވެގެމް ނިމުނު އިރު، މި މެޗުގައި ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. ޚާއްޞަކޮށް އިމިގްރޭޝަން ޓީމުގެ ގޯލްކީޕަރ އީރާންގެ އަޒަމް އަކޮންޑީ އަބަޑްޗީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަތީޖާއަކަށްވީ މެޗުގެ ވުމެން އޮފް ދަ މެޗުގެ މަޤާމުވެސް ހޯދީ އޭނާއެވެ.
މީގެ އިތުރުން އިމިގްރޭޝަން ޓީމުގައި ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތާއި މިހާރުގެ ކެޕްޓަންފަދުވާ ޒާހިރު (ޗެނޭ) އާއި އިންޑޮނޭޝިއާގެ ޓިއާ ޑާޓީ ސެޕްޓިއަވަޓީ އާއި ރާނީ މުލްޔާ ސާރީ ހިމެނެއެވެ.
އެމްޕީއެލް ޓީމުގައި ތައިލެންޑުގެ ޤައުމީ ފުޓްސަލް ޓީމަށް ކުރިން ކުޅެފައިވާ ތައިލެންޑުގެ ގޯލްކީޕަރ ސަސިޕްރަފާ ސުކްސެން އާއި ޕްރަޕަސްޕޯން ސްރީރޯޖް ހިމެނެއެވެ.
މި މުބާރާތުގެ 'ގްރޫޕް އޭ'ގެ މެޗުގައި އައިޖީއެމްއެޗް ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބު ކުރީ ޓީމް ނަންބާސްގެ މައްޗަށް 0-2 ލަނޑުންނެވެ. މި މެޗުގައި އައިޖީއެމްއެޗުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސާރާ މަރީހަބާއެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރެއެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަދު ކުޅޭ މެޗުތައް:
20:00- އެމްއޭސީއެލް – ޕޮލިސް ކްލަބު (ގްރޫޕް ބީ)
20:00- ފެހި ފަހި ކްލަބު – އޭޑަބްލިޔު އެފްޓީ (ގްރޫޕް ބީ)
21:05- ޓީމް ފެނަކަ – ދިވެހި ސިފައިންގެ ކްލަބު (ގްރޫޕް އޭ)
21:05- އެސްޓީއޯ ރެކްރިއޭޝަން ކްލަބު – ސްޓެލްކޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް ސީ)