ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރގެ މަޤާމަށް ޖޭން ވަންލީ ހަމަޖައްސާ އެކަމުގެ ލިޔުން އޭނާ އާ ޙަވާލުކޮށްފިއެވެ.
އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ލިޔުމުގައި ސޮއިކުރައްބާ ވަންލީ އާ ޙަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ޖޭން ވަންލީއާ ލިޔުން ޙަވާލުކޮށްދެއްވުމަށް ފަހު، ބައްސާމް ވިދާޅުވީ މި އެއްބަސްވުމަކީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށާއި ވަންލީއާއެކު ކުރިއަށް އޮތްތާނގައި ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕްގެ ތިންވަނަ ތުރުކީ ޓީމުން ހޯދި އިރު، ޓެކްނިކަލް އެނަލައިސިސްގެ ދާއިރާގެ ތަޖުރިބާކާރު ވަންލީ ވަނީ އެ ޓީމުގެ އެނަލިސްޓެއްގެ ގޮތުގައި ވަންލީ މަސައްކަތް ކޮށްފައެވެ.
ތުރުކީއަށް އުފަން ވަންލީ ވަނީ ވީބީގެ ކޯޗް ކަމުގެ މަގާމްގައި ތިން އަހަރު ދުވަހު މަސައްކަތްކޮށް، ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަޤާމް ދެ ފަހަރު ހޯދާ، އޭނަގެ ކޯޗް ކަމުގެ ދަށުން 4 ތަށި ވަނީ ވީބީއަށް ހޯދައިދީފައެވެ. އަދި ވަންލީ ވަނީ 2010، 2011 އަދި 2012 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ވެސް ވީބީއަށް ކާމިޔާބުކޮށްދީފައެވެ.