އެންމެ މުހިންމީ ޓެރަރރިޒަމުން ސަލާމަތްވެ، މީސްތަކުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުން ކަމަށާއި ސަލާމަތާއި ރައްކައުތެރިކަން ލިބޭނީ އަދުލު އިންޞާފް ކަށަވަރުކުރެވިގެން ކަމަށް ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިޔުރިޓީ ސައިންސަސްގެ ރައީސް ޖަމާން ބިން ރާޤުޝް ވިދާޅުވެއްޖެއެވެ.
ޖަމާން މިމޭރުމުން ވިދާޅުވެފައިވަނީ އެ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން އަރަބި ޤައުމުތަކުގެ އިސް މުއައްސަސާތަކަށް ބޭއްވި މަހާސިންތާއަށް ފޮނުއްވި ޚިޠާބެއްގައެވެ.
ޖަމާން ވިދާޅުވީ ޑިފެންސް ފޯސްތަކުގެ ބަޑިން ސަލާމަތީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި ހައްލު ހޯދޭނީ ހޯމް މިނިސްޓްރީތަކުގެ ދައުރު ފުރިހަމަކޮށްގެން ކަމަށެވެ. "ހޯމް މިނިސްޓްރީތަކުން ރައްޔިތުންގެ ދަތިތައް ހައްލުކޮށްދޭންވީ. ހައްލުނުވެގެން ޝަރީއަތަށް ދާންޖެހިއްޖެނަމަ ކޯޓުތަކުން އަދުލުވެރިކަން ކަށަވަރުކޮށްދޭންވީ."
ޖަމާން ވިދާޅުވީ ބޮމާއި ބަޑިތައް ފެއިލްވެއްޖެކަން އަރަބި ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަަމނުޖެހުންތަކުން މިހާރުވަނީ ކަށަވަރުކުރެވިފައި ކަމަށެވެ. މިކަންކަމުން އިބްރަތް ހާޞިލުކުރަންޖެހޭނެ ކަމަށެވެ.
"މިޔުނިވަރސިޓީން މިގެންދަނީ އިލްމީ މީހުން އުފައްދަމުން ކޮންމެ އަހަރަކު އެތައް ބައިވަރު އެދަނީ ޕީއެޗްޑީ ހަދަމުން. މަސްޓަރސް ހާޞިލުކުރަމުން. މިޔުނިވަރސިޓީން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް ދުނިޔެއަށް ހަމަޖެހުން ގެންނަން މަސައްކަްތކުރަންވީ ގޮތް އެނގޭނެ ކަމަށް" ވެސް ޖަމާން ވަނީ ވިދާޅުވެފައެވެ.