ހެލެންއަށް އޭނާ މަސައްކަތްކުރާ ކުންފުނީގެ ވެރިއަކު ދައުވަތުދިނީ ފެންވަރު ރަނގަޅު ރެސްޓޯރަންޓަކަށް ރޭގަނޑުގެ ކެއުމަކަށް ދިއުމަށެވެ. ކެއުމުގެ ތެރެއިން ވައިންވެސް ސަރވްކުރިއެވެ.
އެހިސާބުން ވެރިޔާ ހުށަހެޅީ ހެލެން ގެއަށް ގޮސްދިނުމަށެވެ. ގެއިގެ ބަދަލުގައި ގެންދިޔައީ ހޮޓަަލަކަށެވެ. ހޮޓަލުގައި ހަަމަޖެހިލައިގެން ގެއަށް ދިއުން ރަނގަޅުވާނެކަމަށް ބުނެއެވެ.
ހޮޓަލުގެ ކޮޓަރި ހެލެންއަށްވީ ބިރުވެރިތަނަކަށެވެ. ވެރިމިހާ ބޭނުންވީ އޭނާ އާއިއެކު ޖިންސި ގުޅުން ހިންގުމަށެވެ.
ކަންދިމާވިގޮތުން އެއިރު ހެލެންއަށް ވަނީ މައްސަރު ކަންތައްވެސް ޖެހިފައެވެ. މަސްތުގައި ހުރިނަމަވެސް ބުއްދި މަސައްކަތްކުރާތީ އެހުރިހާ ކަމެއް ބަޔާންކޮށް އޭނާގެ އިއްފަތްތެރިކަމަށް އަރައިނުގަތުން އެދި ކުރި އާދޭސް ވިރިޔާއަށް އަޑެއް ނުއިވުނެވެ. މަޖުބޫރުކުރުވައިގެންވެސް ކަންތައްތަކެއް ކުރުވީއެވެ.
ހެލެންއަށް މަޖުބުރުކުރުވީ ވެރިޔާ އާއިއެކު އެރޭ ނިދުމަށެވެ. ހެލެން ނިދާކަމަށް ހަދައިގެން އޮއްވާ ވެރިޔާ ނިދުމުން ހެލެންވަނީ ސިއްރުން ކޮޓަރިން ނުކުމެ ހޮޓަލުގެ ލޮބީއަށް ގޮސް ފުލުހުންނަށް ފޯނުކޮށްގެން ފުލުހުން ގެނުވައިފައެވެ.
އިންސާފް ހޯދަން ހެލެން ނިންމައި އޭނާއަށް ކުރިމަތިކުރުވި ހާލަތު ފުލުހުންނަށް ބަޔާންކޮށްދިނުމުން މައްސަލަ ތަޙްޤީޤް ކުރުމަށްފަހު ޝަރީއަތަށް ފޮނުވިއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ނިންމައިލުމަށްފަހު ފަނޑިޔާރު ހުކުމްކުރީ ވެރިޔާ 3 މަސް ދުވހަށް ޖަލަށްލުމަށެވެ. އަދި ޙުކުމް ތަންފިޒުކުރުމަށްފަހު އެނބުރި ނާދެވޭ ގޮތަށް އޭނާގެ ޤައުމަށް ފޮނުވައިލުމަށެވެ.
މިހުކުމް ކުރީ ދުބާއީގެ ކޯޓަކުން އިއްޔެއެވެ. މަހަކު 12،000 ޑޮލަރުގެ މުސާރަ ލިބެމުން އައި އުމުރުން 28 އަހަރުގެ ޒުވާން ޖެނެރަލް މެނޭޖަރުގެ ހަޔާތް ގެއްލިގެންދިއައީއެވެ. ފާހިޝް އަމަލުތަކަށް އަރައިގަތުމަށް ދަހިވެތިވުމުންނެވެ.