ވޮލީގެ ކޯޗަރސް ކޮމިޝަނަށާއި ރެފްރީޒް ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލައިފި
ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗަރސް ކޮމިޝަނަށާއި ރެފްރީޒް ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ އާ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ ދެ ކޮމިޝަނަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނީ މިމަހު 20 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ ދެ ކޮމިޝަނަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށްއެދޭ ފޯމާ އެކު މި އޭޕްރީލް މަހުގެ 18 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން އެއިދާރާއަށް ހުށައަޅަން ޖެހޭ އިރު، އެ އިންތިޚާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެއިދާރާގައި ރަޖިސްޓްރީވެފައިވާ ކޯޗުންނާއި ރެފްރީންނަށް އެކަނިކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ މިއަދުންފެށިގެން މި މަހު 18 ވަނަ ދުވަހާއި ހަމައަށް ކޯޗުންނާއި ރެފްރީން ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މިއަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެސޯސިއޭޝަންގެކޮންގްރެސްގައި އެ އިދާރާގައި ކުރިން ހުރި ބައެއް ކޮމިޝަންތަކަށްބަދަލު ގެނެސް، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުއިންތިޚާބުވި ހިންގާ ކޮމިޓީއަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.