ކޮމްޕިޔުޓަރު ކްލާހެއް ހިންގައި 25 ދަރިވަރުން މަގުފުރައްދައި ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ އުފައްދައި އޮންލައިންކޮށް ވިއްކަމުންދިއަ މީހަކު ޕާކިސްތާނުގ ޕަންޖާބުން ހައްޔަރުކޮށްފިއެވެ.
ސައިބަރކްރައިމް ފުލުހުން ބުނީ އޭނާގެ ކްލާހަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން އޭނާއަށް ހެއްލޭ ކުދިން ބޭނުންކޮށްގެން ތަފާތު ވީޑިއޯތައް އުފައްދައި އޭނާ ދިއައީ އޮންލައިންކޮށް ވިއްކަމުން ކަމަށެވެ.
ފުލުހުން ބުނީ މިއީ ޕާކިސްތާނު މީހަކު ހިންގި މިފަދަ ފުރަތަމަ އަމަލުކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރެވޭނީ މައިން ބަފައިން އެމީހުންގެ ދަރިންގެ ކަންކަމަށް ސަމާލުކަން އިތުރުކޮށްގެން ކަމަށެވެ.
މިއަމަލު ހިންގި އަމީން ތަހްޤީޤްގައި ބުނެފައިވަނީ އޭނާ މިކަން ކުރަމުން އަނނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި އޭނާއަށް ހެއްލޭ ކުދިންގެ ބެލެނިވެރިންނަށް އެކި އަދަދުތަކުން ފައިސާ ދެމުން ގެންދާ ކަމަށެވެ. އެ ފައިސާ ދެނީ އެކުދިންނަަކީ ކޮމްޕިޔުޓަރުގެ މަސައްކަތަށް ހުނަރުވެރި ކުދިން ކަމުގައި ބުނެ އިނާމުގެ ގޮތުގައި ކަމަށްވެސް އޭނާ ބުނެއެވެ.
އަމީން ބުނީ ބެލެނިވެރިން އެ ފައިސާގެ ދަހިވެތިކަމުގައި ކުދިން އޭނާގެ އެޕާޓްމަންޓަށް ގެނެސްދޭ ކަމަށެވެ. އޭނާ ކްލާސް ހިންގަމުން ދިއައީ އޭނާ ކުއްޔަށް ހިފައިގެން ދިރިއުޅޭ 1 ކޮޓަރީގެ އެޕާޓްމަންޓްގައެވެ.
އަމީން އޭނާގެ ވީޑިއޯތައް ވިއްކަމުން ގެންދިއައީ ސްވިޑްން އަށާއި ނޯވޭއަށެވެ. އޭނާ އަތުލައިގަތީ ނޯވޭ އެމްބަސީ އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.