ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ޓީއެފްޖީ ލޯންގރަން ކާމިޔާބުކަމާއެކު މިއަހަރުވެސް ބާއްވައިފިއެވެ.
ދެ ޖިންސުގެ ޢުމުރުފުރާއިން 850އަށްވުރެ ގިނަ ބައިވެރިން ދުވެފައިވާ މި ދުވުމުގައި ރާއްޖެ އާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ދުވުންތެރިން ވަނީ ދުވެފައެވެ.
މިއަހަރުގެ ދުވުމުގައި ޓީއެފްޖީން ފުރުޞަތު ހުޅުވާލީ 750 ޖާގައަށް ނަމަވެސް، ދިގުދުވުމަށް ރާއްޖޭގައި އޮންނަ ތަރުޙީބު ބޮޑުވަމުން އަންނާތީ، ބައިވެރިވާން ބޭނުންވެގެން އެދުނު އެންމެނަށް ޓީއެފްޖީން މިފަހަރު ވަނީ ފުރުޞަތުދީފައެވެ.
ފާއިތުވި އަހަރުތަކުގައި ޖާގަ ފުލްވަނީ ރޭސް އޮންނަ ދުވަހުގެ 2 ނުވަތަ 3 ދުވަހަށްވެފައިވަނިކޮށް ނަމަވެސް މިފަހަރު ވަނީ އެއަށްވުރެ މާކުރިން ޖާގަތައް ފުލްވެފައެވެ.
މި އަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން (42 ކިލޯމީޓަރ) އާއި ހާފް މެރަތަން (21 ކިލޯމީޓަރ) އާއި 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ ދުވުން އޮންނާނެއެވެ.
ފުލް މެރަތަން ފަށާނީ ދަންވަރު 03:20ގައެވެ. ހާފް މެރަތަން 06:20 ގައި، 10 ކިލޯމީޓަރ 07:20 އަދި 5 ކިލޯމީޓަރ ފަށާނީ 08:20 ގައެވެ.
210 ބައިވެރިންނާއެކު 2013 ވަނަ އަހަރު،10 ކިލޯމީޓަރ އާއި ހާފް މެރަތަންގެ ދުވުމުން ފެށި މި ދުވުން ބައިނަލްއަޤުވާމީ ފެންވަރުގައި ގުނާލެވޭ ދުވުމަކަށް ބަދަލުވެ، 5، 10، 21 އަދި 42 ކިލޯމީޓަރގެ ރާސްތާގައި މިހާރު އަންނަނީ ދުވުންތައް ދުވަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ފަންތީގެ ދުވުންތެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ.
މިދުވުމަށް މީހުން އިތުރަށް ޝައުޤުވެރިކުރުވާ، މަޤުބޫލު އެއްޗަކަށް ހެދުމަށް މިއަހަރު 42 ކިލޯމީޓަރގެ ދުވުން ނިންމާ ބައިވެރިންނަށް ފިނިޝަރ ޓީޝާރޓް ދޭއިރު، ކޮންމެ ބައިވެރިއަކުވެސް ދުވާ ރާސްތާއަކުން ދުވުން ނިންމައިފި ނަމަ، އެ ރާސްތާއެއް އަންގައިދޭ މެޑެލްވެސް ދިނުމަށް ވަނީ މި އަހަރު ނިންމާފައެވެ.
މިއީ މިގޮތަށް މެޑެލް ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދީފައިވަނީ ހަމައެކަނި ދުވުން ނިންމި ނުވަތަ ބައިވެރިވިކަމުގެ ގޮތުން ވަކި ފަންތިއެއް ނުޖަހައެވެ.