އައިއެސް ބިންނައްތާލުމުގެ ބަހަނާ ދައްކައިގެން އެމެރިކާއިން އަފްޣާނިސްތާނަށް އެޅި "މަންމަ" ބޮމުން އައިއެސް އަށް މާ ބޮޑު ގެއްލުމެއް ނުލިބުނެވެ.
މަރުވީ އއެންމެ 90 މީހުންނެވެ. މީގެތެރޭގައި އައިއެސްގެ މީހުން ހިމެނޭ އަދަދުވެސް ޔަޤީނެއް ނުކުރެވެއެވެ.
ނަމަވެސް މި ބޮމުގެ ސަބަބުން މުޅި ސަރަހައްދަށް ލޮޅުންތައް އެރިއެވެ. ގެއްލުންތަކެއްވެސް ލިބުނެވެ. އަފްޣާނިސްތާނުގެ ރައްޔިތުން ބުނަނީ އެމެރިކާއިން ކުރިކަމަކީ ނައްތާލަންޖެހިފައި އޮތް މައި ބޮން އަޑެއްކިޔާ ގޮތަށް ނައްތައިލުން ކަމަށެވެ.
އަފްޣާނިސްތާނަކީ އެމެރިކާގެ ހަތިޔާރު ނައްތައިލާ ކުނގޮނޑަކަށް ހެދީކަމަށް ބުނެ ގިނަ ބައަކު ދަނީ އެމެރިކާ ކުށްވެރިކޮށް ނުރުހުން ފައުޅުކުރަމުންނެވެ.
އެ ބިޔަ ބޮން އެޅުމުން އައިއެސްއަށް ލިބުނީ ކޮން ގެއްލުމެއްތޯ އާއި އެކަމުގެ ސަބަބުން އައިއެސް ހުއްޓުވިއްޖެތޯ ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. "ބާރުގަދަ އަޑެއް ކިޔައިފި. މުޅި ސަރަހައްދު ގުޑައިފި. ރައްޔިތުންގެ ގިނަ ބައަކު ބިރުގަންނަވާލައިފި. އައިއެސް ހަމަ ދަނީ ބާރަށް ކުރިއަށް." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.