އެެމރިކާއިން އެ ޤައުމުގެ ބޮޑު މަނަވަރެއް ދެކުނު ކޮރެއާ އާއި ދިމާއަށް ފޮނުވުމާއި ގުޅިގެން ކުރެވެމުން އަންނަ ޒުވާބުތަކުގެ ތެރެއިން ދުރުރާސްތާ ނިޔުކްލިއަރ ބެލިސްޓިކް މިސައިލްތަކެއް އުތުރުކޮރެއާ އިން ދައްކާލައިފިއެވެ.
އެމެރިކާއިން ކޮށްފާނެ ކަމަކުން މެދުވެރިވެދާނެ ނުރައްކާތެރި ހާލަތަކާއިމެދު ސަރަހައްދުގެ ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
އުތުރު ކޮރެއާއިން ބުނަމުން ގެންދަނީ އެމެރިކާއަށާއި އިޒްރޭލަށް ފޯރާވަރުގެ ދުރުރާސްތާ ނިޔުކްލިއަރ ހަތިޔާރު އެ ޤައުމުގައި އެބަހުރި ކަމަށެވެ. އަދި ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ކަމަށެވެ.
މިތަކެތި ބައިވެރިކުރީ އުތުރުކޮރެއާ އިން ބޭއްވި ޚާއްޞަ ޕެރޭޑްގައެވެ. މި ޕެރޭޑް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ކިމް ބައިވެރިވި ނަމަވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. އެއީ ވެސް ހާލަތުގެ ނުރައްކާތެރިކަމުގެ ބޮޑުކަން އަންގައިދޭ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.