އިސްލާމް ދީނަށް ފުރައްސާރަކުރިކަމަށް ބަލައި ޕާކިސްތާނުގެ ޔުނިވަރސިޓީ ދަރިވަރަކު ތަލާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިސްލާމް ދީނަށް ފުރައްސާރަކުރިކަމަށް ބަލައި ޕާކިސްތާނުގެ ޔުނިވަރސިޓީ ދަރިވަރަކު ތަލާ މަރާލައިފި
އިސްލާމް ދީނަށް ފުރައްސާރަކުރިކަމަށް ބަލައި ޕާކިސްތާނުގެ މަރަދާން ޔުނިވަރސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަމުންދިއަ ދަރިވަރެއްގެ ގައިގާ ތަޅާ މަރާލައިފިއެވެ.

އުމުރުން 23 އަހަރުގެ މަޝަލް ޚާންގެގައިގާ ލަޓިބުރިތަކުންނާއި ގަލުންނާއި އެނޫންވެސް ތަކެތިން ތަޅައި މަރައިލި ހާދިސާގެ ވީޑިއޯ ހާމަވުމުން ސަރުކަރާއި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މަޝަލް އެފަދަ ބަހެއް ބުނިކަން ސާބިތުކޮށްދެވެން ނެތްކަމަށެވެ. އުފެދުނު ޚިޔާލުތަފާތުވުމެއްގައި ރުޅި އިސްކޮށް އަނިޔާވެރިކަން އިންތިހާއަށް އިސްކުރީ ކަމަށެވެ. އަދި ކަމެއް މެދުވެރިވި ނަމަވެސް އަމަލުކުރާނެ ގޮތްތަކެއް ޤާނޫނުގައި އޮންނަ ކަމަށާއި އިސްލާމް ދީނަކީ އަންނަ ރުޅީގައި އަމިއްލައަށް މީހުން މެރުން ހުއްދަކުރާ ދީނެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު ނަވާޒް ޝަރީފްވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައި މިކަމާއި ގުޅިގެން އިތުރު ހަމަނުޖެހުން ނުއުފެއްދުމަށް އެދިވަޑައިގެންފައެވެ. ނަވާޒް ޝަރީފް ވަނީ މިކަމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އިދިކޮޅު ލީޑަރުން ބުނަމުން ގެންދަނީ ދަރިވަރުން ކަންކަން ދަސްކުރާނީ މައިން ބަފައިންގެ ކިބައިންކަމަށެވެ. ބޮޑެތި މީހުން އަމަލުކުރާ ގޮތުން ކަމަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވަނީ އަނިޔާވެރި ގޮތުގައި މީހުން މަރާ ފަރާތްތަކާއިމެދު އިންސާފުން އަމަލުނުކުރެވޭތީ ކަމަށެވެ.
މިއަދު އޮންލައިން