ރީސައިކަލްކުރަން ބައިވެރިވެގެން ރާއްޖެއަށް ދަތުރެއް ލިބޭ ޕްރަމޯޝަނެއް ޔޫއޭއީގައި ފަށައިފިއެވެ.
މިޕްރަމޯޝަނުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ދުބާއި އާއި ޝާރުޖާގައި ބަހައްޓާފައި ހުންނަ ޚާއްޞަ ވެންޑިންގ މެޝިންތަކަށް ހުސްފުޅިއާއި ދަޅު އެޅުމެވެ. ތަކެތި އެޅުމުން އެޅިކަމުގެ ރަސީދެއް މެޝިނުން ލިބޭނެއެވެ. އެ ރަސީދު. އެކަމަށް ޚާއްޞަ އެޕްގައި ސްކޭންކޮށްލުމުން ޕްރަމޯޝަނުގައި ބައިވެރިވެވުނީއެވެ.
މި ޕްރަމޯޝަން ކުރިއަށް ގެންދާ ބީޢާ އިން ބުނީ މި ހަރަކާތުގެ ބޭނުމަކީ ރީސައިކަލްކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މިހަރަކާތުގެ ތެރެއިން އިތުރު އިނާމުތައްވެސް ލިބޭނެ ކަމަށެވެ.
ބީއާއަކީ ކުންޏާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރަން މީގެ 10 ވަރަކަށް އަހަރުކުރިން ޔޫއޭއީގެ ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ. މިހަރަކާތް މުޅި ސަރަހައްދަށް ފުޅައުކުރަން އެއިދާރާއިން ވަނީ ނިންމައިފައެވެ.