ދުނިޔޭގައި ހުރި ޢުމުރުން އެންމެ ދުވަސްވީ އަންހެނާ 117 އަހަރުގައި މަރުވެއްޖެއެވެ.
އިޓަލީއަށް އުފަން އެމާ މޮރާނޯ އަކީ 1800ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރެއިން މިހާތަނަށް ދިރިހުރި އެންމެ ފަހު މީހާ އެވެ.
މޮރާނޯ އެހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރެއްކަމަށް އޭނާ ބުނެފައިވަނީ ޖެނެޓިކްސް އާއި ކޮންމެ ދުވަހަކުވެސް ނުކައްކާ އޮންނަ ދެ ބިސް ބުއިމާއި ބިސްގަނޑެއް ކެއުން ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރަންފެށީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުން އެނީމިއާ ޖެހުމާ ގުޅިގެން ކަމަށްވެސް އޭނާ ވަނީ ކުރިން ބުނެފައެވެ.
ހަމަމިއާއެކު 1938ގައި އޭނާގެ ފިރިމީހާ އާ ވަކިވެ، އޭގެ ފަހުން ކައިވެންޏެއް ނުކޮށް ހުރުމަކީވެސް އޭނާގެ ޢުމުރު އެހާދިގުވި ސަބަބެއް ކަމަށްވެސް ބުންޏެވެ. އެ ދެމަފިރިން ވަކިވީ އެ ދެ މީހުންނަށް ލިބުނު ފިރިހެން ދަރިފުޅު ޢުމުރުން 6 އަހަރުގައި މަރުވިތާ އެއްއަހަރު ފަހުން ކަމަށާއި އޭނާގެ ފިރިމީހާއަކީ ވަރަށް އަނިޔާކުރާ މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އޭނާ އުފަންވީ 29 ނޮވެމްބަރ 1899ގަ އެވެ.
މޮރާނޯ އަށް ފަހު، ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ މީހަކީ ޖަމައިކާގެ ރައްޔިތެއް ކަމަށްވާ ވައޮލެޓް ބްރައުން އެވެ. އޭނާ އުފަންވީ 10 މާރޗް 1900އިގައެވެ.