ސައީދު އަލްހަޒާރީ އޭނާގެ އުމުރުގެ ފުރަތަމަ 18 އަހަރު ހޭދަކުރީ ޢާއިލާ އާއިއެކު ވަރަށް އުފަލުގައެވެ. ސަޢީދުގެ ހަޔާތަށް ޒަލްޒަލާއެއް އައީ އޭނާއަށް މަންމަ ކިޔައިގެން މިއުޅެވެނީ ހަޤީޤީ މަންމައަށް ނޫންކަން ޢާއިލާގެ މީހުންގެ ކިބައިން އެނގުމުންނެވެ.
ސަޢީދު އޭނާގެ ހަޤީޤީ މަންމަ ހޯދަން ކުރި މަސައްކަތުން އެނގުނީ އޭނާގެ މަންމަ ވަނީ ވަރަށް ދުރުގައި ކަމެވެ. އޭނާއަށް އޭނާގެ މަންމަ އަދި ފެނިފައިވެސް ނުވާކަމާއި މަންމަ ކިޔައިގެން މިއުޅެވެނީ ދޮންމަންމައަށްކަމެވެ.
ސަޢީދުގެ މަންމައަކީ އަލްޖިޒާންގެ އަންހެނެކެވެ. ސައީދު އަކީ އޭނާގެ ބައްޕަ އަސްކަރިއްޔާގައި އުޅުނު ދުވަސްވަރު އަލްޖިޒާންއަށް އޭނާއަށް ދާންޖެހުމުން ގޮސްހުރި ދުވަސްވަރު ދެއަންބަށް ކައިވެކޮށްގެން ލިބުނު ކުއްޖެކެވެ. ސައީދުގެ އުމުރުން އެންމެ މަހެއްހައިދުވަސްވީތަނާ އެނބުރި ބިޝާއަށް އަންނަންޖެހުމުން އަނބިމީހާ ރޮއިރޮއި ހުއްޓާ ސައީދު އަތުލައިގެން އެނބުރި އައީއެވެ. އެއަށްފަހު ދަރިއެއް ފަދައިން ސަޢީދު ބަލައި ބޮޑުކުރީ ބައްޕަގެ އަލަތު އަނބިމީހާއެވެ.
މިކަންކަން ސަޢީދަށް އެނގުމުން އޭނާ މަސައްކަތްފެށީ ހަޤީޤީ މަންމަ ހޯދުމަށެވެ. ބައްޕަ އާއި އޭނާގެ މަންމަ އާއި އެއްވެސް ގުޅުމެއް ނުއޮންނަތާ އެތައް އަހަރެއްވެފައިވުމުން މަންމަ ހޯދުންވީ ވަރަށް އުނދަގޫ ކަމަކަށެވެ.
އެހެންކަމާއިއެކުވެސް ސަޢީދު ކެނޑިނޭޅި ކުރި މަސައްކަތުން މަންމަގެ ދައްތަގެ ފޯން ނަމްބަރު ލިބުނެވެ. އަދި މަންމަގެ މައުލޫމާތު ހޯދައިގެން އަވަސްއަވަހަށް ކާރުގައި ދަތުރުފެށީ މަންމަ ހޯދުމަށެވެ. މަންމަ އާއި ބައްދަލުކުރުމަށެވެ.
ތަޤްދީރް ދިމާވީ މުޅިން ތަފާތު ގޮތަކަށެވެ. 990 ކިލޯމީޓަރު ދުއްވިފަހުން ކާރު އެކްސިޑެންޓްވީއެވެ. އަދި ކޯމާއަކަށްވެސް ދިއައީއެވެ. ކޯމާއިން ސަލާމަތްވެ ހޭއެރިއިރު މާޒީގެ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.
ސަޢީދުގެ ވާހަކަ ނޫސްތަކުގައި ޝާއިއުކުރުމުން ގިނަ ބައަކު ދަނީ ސަޢީދަށް ހެޔޮ ދުޢާކުރަމުންނެވެ. އަވަސް ޝިފާއަކަށް އެދެމުންނެވެ.