އިންޑިއާގެ ކެރެލާ ސްޓޭޓުގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އާއި ޑެންގޫ ފެތުރެމުންދާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ކޭ.ކޭ. ޝީލާޖް ނެރުއްވާފައިވާ ބަޔާނެއްގައި ސްވައިން ފްލޫގެ އާއި ޑެންގީ އާއި އެހެން ބަލިތައް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.
ހާލަތު ސީރިއަސް ވެއްޖެ ނަމަ ކަންކުރަންވީ ގޮތް ސްޓޭޓުގެ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށާއި ހެލްތު ސެންޓަރުތަކާއި މެޑިކަލް ކޮލެޖްތަކާއި ހުރިހާ ހޮސްޕިޓަލްތަކެއްގައިވެސް ބޭހާއި ފަރުވާދޭނެ ވަސީލްތައް ޤާއިމްވެފައި ހުރިތޯ ޔަޤީން ކުރުމަށްވެސް ވަނީ އަންގާފައެވެ.
މި އަހަރު ފެށުނުފަހުން 5000 އަށްވުރެ ގިނަ މީހުންނަށް އިންޑިއާގައި ސްވައިން ފްލޫ ޖެހިފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ބުނެފައިވާ އިރު، އޭގެތެރެއިން 125 މީހުން ވަނީ މަރުވެފަ އެވެ.