މުންކޮ ގެ "އިލްނޮއިސް" ޕްރިމިއާރ ކުރަން 7 ދުވަހަށް ވެއްޖެ
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ، ކޮރިއޮގްރަފަރ، ޕްރޮޑިއުސަރ އަދި އެކްޓަރ މުޙައްމަދު މުންތަސިރު އެކްޓުކޮށް ޕްރޮޑިއުސް ކޮށްފައިވާ، މުންކޮގެ ފުރަތަމަ ފީޗާ ފިލްމު "އިލްނޮއިސް" ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރަން ހަތް ދުވަހަށް ވެއްޖެއެވެ.
ކުރިން ސްޓޭޖު ޑްރާމާ އެއްގެ ގޮތުގައި ގެނެސްދީފައިވާ "އިލްނޮއިސް"، މާލެ އާއިއެކު އަވަށްޓެރި ހަތަރު ޤައުމެއްގައިވެސް އަޅުވަން 'އިލްނޮއިސް' ޓީމުން ދަނީ ތައްޔާރުވަމުންނެވެ.
ތިއޭޓަރ މިރާޖް އާއި އޯކޭޒް އިންކް ގުޅިގެން އުފައްދާފައިވާ "އިލްނޮއިސް"، ޕްރިމިއަރ ކުރަން ކުރިން ނިންމާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއިއެކު އެޗް1އެން1 އިންފްލުއެންޒާ ރޯގާ ފެތުރެމުން ދިޔުމާއި ގުޅިގެން، އެފިލްމު ޕްރިމިއާރ ކުރުން ވަނީ ފަސްކުރެވިފައެވެ.
އެޑްވާރޑް ބެނެވިކް ނަމަކަށް ކިޔާ މީހަކަށް ޖެހިފައިވާ ބައްޔަކަށް ފަރުވާ ކުރުމަށް ކުރާ މަސައްކަތްތައް ދައްކުވާދޭ މިފިލްުގެ ޓްރެއިލަރ ވެސް މިހާރުވަނީ ރިލީޒް ކޮށްފައެވެ.
އަޙުމަދު މައުރޫފް ޖަމީލުގެ ސްކްރީންޕްލޭއަކަށް އިސްމާއިލް ނިހާދު ޑައިރެކްޓު ކޮށްފައިވާ "އިލްނޮއިސް" ފިލްމުގައި މުންކޮ އާއި އެކު ދެން ފެނިގެންދާނީ އަޙުމަދު އަލަމް އާއި ޝަމްއަތު އިބްރާހިމް އެވެ.