ޒަމާން މިއޮތީ ވަރަށް ވެސް ބޮޑަށް ބަދަލުވެފައެވެ. މިއީ މަޖަލަކަށް ކޮންމެ ފަދަ ކަމެއްވެސް ކުރަން ޖެހިލުން ނުވާ، އަދި އެކަމަކީ ދެން ހުންނަ މީހާއަށް ކިތަންމެ ހިތްދަތިކަމަކާއި ލަދަކާއި ކުރިމަތި ޖެހުން ކަމުގައި ވިޔަސް ފަރުވާލެއް ނުބަހައްޓާ ޒަމާނެކެވެ.
ހިތްދަތިކަމެއް ދޭން އެކަކުވެސް ޖެހިލުން ނުވާއިރު، އާއިލީ ގުޅުމަށް ވެސް މިހާރު ގިނަފަހަރަށް ބަލާނުލައެވެ.
މިއީ އަވައްޓެރި ޤައުމެއްގެ އަންހެން ކުއްޖަކަށް ދިމާވި ހާދިސާ އެކެވެ.
"އަހަންނަށް ފޭސްބުކް އިން ކުއްޖެއް ދެކެ ލޯބިވެވުނީއެވެ. އޭނާގެ ފޮޓޯ ފެނިގެންވެސް އަހަރެން އޭނާއާއި އަޅައިގަތެވެ. އަދި އަހަރެން ޕޯސްޓު ކުރާ އެއްޗެއްސަށް އޭނާ 'ލައިކް' ދޭތީ ވެސް އަހަރެން ވަރަށް އުފާވިއެވެ. އޭނާ ލައިކްސް ދޭތޯ އަހަރެން ކޮންމެ ދުވަހަކުވެސް ފޮޓޯ އާއި ސްޓޭޓަސްތައް ޖަހާ ހެދީމެވެ. އޭނާގެ 'ލައިކްސް' އަށް އަހަރެން އިންތިޒާރު ކުރީމެވެ.
އެހެން ގޮސް ދުވަސްތަކެއް ފަހުން އޭނާ އެއްދުވަހު އަހަންނަށް 'ހާއީ' ޖެހިއެވެ. ވީއުފަލެއްގެ ބޮޑުކަމުން ހުރެވުންތަން ވެސް އަހަންނަށް ނޭނގުނެވެ. އަދި އަހަންނާއި ބެހޭ ހުރިހާ މަޢުލޫމާތެއް އެއްފަހަރުން ކިޔާ ދިނީމެވެ.
އޭނާ ވާހަކަ ދައްކާތޯ އިރުއިރު ކޮޅުން އަހަރެން ފޯނު ޗެކު ކުރާތަން ދައްތައަށް ފެނުނެވެ. އަހަރެން ވާހަކަ ދައްކަނީ ކާކާތޯ ބަލަންއުޅޭތީ ރުޅިއައިސްގެން ދައްތައާއި ދިމާލަށް އެއްޗެހި ކީމެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އަހަންނަށް އަނެއްކާވެސް އޭނާ މެސެޖު ކުރިއެވެ. އަހަރެން ދެކެ ލޯބިވާ ކަމަށް ބުނެ، ބައްދަލު ކޮށްލަން ބޭނުންވާ ވާހަަކަ ވެސް ބުންޏެވެ. އެއިރުވެސް ދައްތަ ބަލާހެން ހީވިއެވެ. ދައްތަ ކައިރީ ނުބަލާށޭ ކިޔާފާ އަހަރެން އޭނާއަށް ޖަވާބު ދިނީމެވެ. އޭނާ ގާތު ދިމާވާންވީ ގަޑިއާއި ތަން އަހާއޮޅުން ފިލުވުމަށްފަހު އަހަރެން އެތަނަށް ދާން ތައްޔާރުވީމެވެ. ނިންމައިގެން ހުރީ އޭނާގެ 'ލައިކްސް' އަށް ވެސް އަހަރެން އިންތިޒާރުކުރާވަރު ވެސް ކިޔާދޭށެވެ.
އަހަރެން އެތަނަށް ގޮސް، އޭނަ އަންނަންދެން ހުއްޓާ، ފަހަތުން މީހަކު އައިސް އަހަރެންގެ އަތުގާ ހިފާފައި 'ހާއި' އޭ ބުންޏެވެ. ބަލާލި އިރު އެތާ ހުރީ އަހަރެންގެ ދައްތައެވެ. ދައްތަގެ މޫނުމައްޗަށް ވެރިވެފައިވާ ލާނެތް ހިނިތުންވުމުން ވެސް އަހަންނަށް ހުރިހާ އެއްޗެއް އެނގުނެވެ. އެފިރިހެން މީހާއަށް ވެގެން އަހަންނާއި ވާހަކަ ދައްކާ އަހަރެން މޮޔަހެއްދީ އަހަރެންގެ ދައްތަ އެވެ. ދައްތަ ބުނީ އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ. އެކަހަލަ ދައްތަ މެން ތިބެންޏާ ދުޝްމަނުންގެ އެއްވެސް ބޭނުމެއް ނެތެވެ."