ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (ޓީއެފްއޭ) އިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ޓީއެފްއޭގެ އޮފިޝަލަކު ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ކަމަށެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވީ ނަމަވެސް، މިހާރުވެސް ވަރަށް ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށާއި އެހެންކަމުން ދުވުމުގައި ބައިވެރުކުރުމަށް ހަމަޖައްސާފައިވާ ޢަދަދުކަމަށްވާ 100 ކުދިން ހަމަވުމުން ބައިވެރިވުމުގެ ފުރުޞަތު ބަންދު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައިވެރުވުމުގެ ފީއެއްގެ ގޮތުގައި =/150 ރުފިޔާ ދައްކަންޖެހޭ އިރު، ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރ މެޑެލް އާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ދުވުމުގައި ބައިވެރިވެވޭނީ ޢުމުރުން 9 އަހަރުންދަށުގެ ކުދިންނަށް 2 ކިލޯމީޓަރ އަދި 14 އަހަރުންދަށުގެ ކުދިންނަށް 3 ކިލޯމީޓަރގައެވެ.
ކުޑަކުދިންގެ ދުވަހާވެސް ގުޅުވައިގެން ބާއްވާ މި ހަރަކާތަކީ ޓީއެފްއޭ އުފެދުނުފަހުން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ނުވަތަ ޓީއެފްއޭ އަކީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ހިއްސައާއެކު، ކުޑަކުދިންނަށާއި ޢާންމުންނަށް ކަސްރަތުގެ ހުނަރު އިތުރު ކުރުމާއެކު، ދުވުމަށް ޝައުޤުވެރިކަން މިހާރަށްވުރެ އިތުރު ކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.