އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 4 ގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ ބަލިކޮށް އއ. މާޅޮސް ހޯދައިފިއެވެ.
އެ ޓީމުން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި 0-2 ލަނޑުން އދ. ކުނބުރުދޫ ބަލިކޮށްގެންނެވެ.
ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާޅޮސް ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ޢާރިފާއި ޢަލީ ވަސީމެވެ.
ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާއެކު މި ޒޯންގެ ފައިނަލަށް މާޅޮސް ގޮސްފައިވާ އިރު، ކުނބުރުދޫ ފައިނަލަށް ދިޔައީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓާއެކުއެވެ. އަދި ޒޯން ހަތަރެއްގައި ދެން ހިމެނޭ ކ. ގުރައިދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 81 ރަށަކުން ވަނީ ވާދަކޮށްފައެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އާއި ރަނަރއަޕް ޓީމު ވަނީ ޒޯން ބުރަށް ދަތުރުކޮށްފައެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.