ނިއު ދިއްލީ: ވެޓެރަން ބޮލީވުޑް އެކްޓަރ ވިނޯދު ކައްނާ މިއަދު މަރުވެއްޖެއެވެ.
އުމުރުން 70 އަހަރުގައި ވިނޯދު މަރުވީ މިއަދު ހެނދުނު 11:20 ގައި ކަމަށް އިންޑިއާގެ އޮންލައިން ނޫހެއްކަމަށްވާ 'ދަ ޓައިމްސް އޮފް އިންޑިއާ' ގައި ބުނެފައިވެއެވެ.
އެޑްވާންސްޑް ބްލެޑަރ ކެންސަރ އަށް ފަރުވާ ހޯދަމުން ދަނިކޮށް ވިނޯދު ކައްނާ މަރުވެފައިވަނީ އެޗް.އެން ރިލައިއެންސް ހޮސްޕިޓަލު ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަރަށް ބޮޑަށް ގައިން ފެން މަދުވެގެން، އެހޮސްޕިޓަލުގައި އޭނާ އެޑްމިޓުކޮށް ފަރުވާ ދެމުން އައިތާ ތިން ވަރަކަށް ހަފްތާ ވެއްޖެއެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާގެ ދަރިފުޅު އަދި ބޮލީވުޑް އެކްޓަރ އަކްޝޭ ކައްނާ ވަނީ މިދިޔަ މަހު ފަހުކޮޅު ބުނެފައެވެ.
"ޑޮކްޓަރުންނާއި އާއިލާއިން ވެސް އުއްމީދު ކުރަމުން ދިޔައީ ވަރަށް އަވަހަށް އޭނާ އެއްކޮށް ރަނގަޅު ވާނެކަމަށް. ނަމަވެސް ކުއްލިއަކަށް ހާލަތު ދައްވެ، މިއަދު އޭނާވަނީ މިދުނިޔެ ދޫކޮށްފައި" އެޗްއެން ރިލައިއެންސް ހޮސްޕިޓަލުގެ އޮފިޝަލަކު މަޢުލޫމާތު ދިނެވެ.
ވިނޯދު ކައްނާ ވަނީ 100 އަށްވުރެ ގިނަ ބޮލީވުޑް ފިލްމު ކުޅެފައެވެ. އަދި އޭނާ އަކީ ޕަންޖާބުގެ ބާރަތުޔަ ޖަންތާ ޕާޓީ (ބީޖޭޕީ) ގެ ޕާލިމެންޓޭރިއަނެކެވެ.