އަރަބި ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކާއިއެކުވެސް އަރަބި ޤައުމުތަކުން ދަނީ ކާމިޔާބީ ހޯދައި ކުރިއަރަމުން ކަމަށާއި ބޭނުންވަނީ އަދިވެސް އިތުރަށް ގުޅުންތައް ބަދަހިކުރުން ކަމަށް ސައުދީ ވަލީ އަހްދު ޕްރިންސް މުޙައްމަދު ބިން ނާއިފް ވިދާޅުވެއްޖެއެވެ.
ރިޔާޛްގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއަ އަރަބި ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ ބައްދަލުވުގައި ޕްރިންސް ނާއިފް ވިދާޅުވީ އަރަބި ޤައުމުތަކަށް ކުރިމަތިވެފައިވަނީ ބޮޑެތި މައްސަލަތަކެއް ކަމަށާއި އެންމެ ބޮޑު އެއް މައްސަލައަކީ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ކަމަށެވެ.
ނާއިފް ވިދާޅުވީ އެހުރިހައި ކަންކަމާއިއެކުވެސް ކުރިއެރުން ހޯދޭއިރު އެ މައްސަލަތައް ހައްލުކުރެވިއްޖެނަމަ ލިބޭ ކުރިއެރުންތައް އެތައް ގުނައަކަށް އިތުރުވާނެ ކަމަށެވެ. އެހެންކަމުން ޤައުމުތައް ގުޅިގެން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ހަމަޖެހުން ހޯދަން ކަމަށެވެ.
ކުވައިތުގެ ދާޚިލީ ވަޒީރު ވިދާޅުވީ ޤައުމުތަކުގެ ދާޚިލީ ވުޒާރާތައް ގުޅިގެން މަސައްކަތްކުރާނަމަ ގިނަ މައްސަލަތަކެއް މިހާރަށްވުރެ ފަސޭހައިން ހައްލުކުރެވޭނެ ކަމަށެވެ.