ތިއޭޓަރ މިރާޖް އަދި އޯކޭޒް އިންކް ގެ ޕްރޮޑަކްޝަން އެއް ކަމަށްވާ ދިވެހި ފިލްމު "އިލް ނޮއިސް" މިމަހުގެ 27 ވީ ބުރާސްފަތި ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ރިލީޒް ކޮށްފައިވާ، މިފިލްމު ވެގެން ގޮސްފައިމިވަނީ ޝައްކެއް ނެތް ގޮތުގައިވެސް ހަމަ ވަރަށް ތަފާތު އަދި އެހާމެ ފުރިހަމަ ފިލްމަކަށެވެ.
މަޝްހޫރު ކޮރޮއިގްރަފަރ، ޑައިރެކްޓަރ، ޕްރޮޑިއުސަރ އަދި މިފިލްމުގައި ލީޑް ރޯލް އަދާ ކޮށްފައިވާ މުޙައްމަދު މުންތަސިރު (މުންކޮ) އަކީ އޭނާ އުފައްދާފައިވާ ނެށުމަކުން ވިޔަސް ނުވަތަ ސްޓޭޖް ހަރަކާތަކުން ވިޔަސް، އަބަދުވެސް ބެލުންތެރިން އާޝޯޚުވާފަދަ ހުނަރުވެރި ހުށަހެޅުމެއް ދައްކުވާދޭ ކުޅަދާނަ ފަންނާނެކެވެ.
މިފަހަރުވެސް އޭނާ މިވަނީ އެކަން ވަރަށް ފުރިހަމައަށް ދަމަހައްޓާފައެވެ. ފިލްމަށް ދެވިފައިވާ ނަން (އިލް ނޮއިސް) ތަފާތުވާ ފަދައިން، މުޅި ފިލްމުގެ ޕްލޮޓުވެސް ހަމަ އެހާމެ ތަފާތެވެ. މިފިލްމަކީ މުންކޮގެ ތިއޭޓަރ މިރާޖް އިން ތަމްސީލެއްގެ ސިފައިގާ ކުރިން ބެލުންތެރިންނަށް ދައްކާލާފައިވާ ފިލްމެކެވެ. ފީޗަރ ފިލްމެއްގެ ސިފައިގާ މިފިލްމު އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ނިންމީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެންނެވެ. މުންކޮގެ ވާހަކަ އަކަށް އަހުމަދު މައުރޫފް ޖަމީލް ސްކްރީންޕްލޭ ހަދާފައިވާ "އިލް ނޮއިސް" ޑައިރެކްޓް ކޮށްފައިވަނީ އަޙުމަދު ނިހާދެވެ.
ކާސްޓުން
ފިލްމުގެ ކާސްޓުންނަށް ބަލާއިރު، ވަރަށް ވެސް ފުރިހަމަ އަދި މެއިން ކެރެކްޓަރ ގެ ރޯލުން ފެނިގެންދަނީ އެފަދަ ދެވަނައެއް ނުވާ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ. އޭނާ ފެނިގެންދަނީ އެޑްވާޑް ބެނެވިކް ގެ ރޯލުންނެވެ. އެހެން ރޯލުތަކުން ފެނިގެންދަނީ، ދިވެހި ފިލްމު އިންޑަސްޓްރީ އަށް މުޅިން އަލަށް ތަޢާރަފްވާ އަޙުމަދު އަލަމް އާއި ޝަމްއަތު އިބްރާހިމް އެވެ. އަދި ސައިކޮލޮޖިސްޓެއްގެ ރޯލުން ފެނިގެންދާ، މަޝްހޫރު ދިވެހި އެކްޓަރ އަހުމަދު ނިމާލް ވެސް މިފިލްމުން ފެނިގެން ދެއެވެ.
ޕްލޮޓް
ކުރިންވެސް ބުނިފަދައިން މިއީ ވަރަށް ވެސް ތަފާތު ފިލްމެކެވެ. އާއްމުކޮށް މިހުންނަ ފިލްމުތަކުގައި ހިމެނޭ ކޮންމެ ދެ ސްކީން ދެމެދުގައި ރުއިމާއި ނުވަތަ ފަހަކަށް އައިސް އުފައްދާ ފިލްމުތަކުގައި ހިމެނޭ ހަރުކަށިވުމުގެ ބައެއް ވެސް މިފިލްމުގައި ނުހިމެނެއެވެ. ފިލްމަކީ އާދައިގެ ފިލްމަކަށް ނުވެފައި އަދި ފިލްމުގެ ބޮޑުބައި އިނގިރޭސި ބަހުން އަޑުއަޅާފައިވާތި، މިފިލްމާއި ދޭތެރޭ ރަނގަޅަށް ނުވިސްނާ އަދި ފިލްމުގެ ތެރެއަށް ރަނގަޅަށް ނުވަދެ އިންނަ މީހަކަށް، މީގައިވާ ނުވާ އެހާ ފަސޭހައިން ނުވިސްނުން ވެސް އެކަށީގެން ވެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ، ފިލްމާއި މެދު ހައިރާންވެ މިފަދަ ވިސްނުމެއް އައީތީ ވެސް ހައިރާންވާނެއެވެ.
"އިލް ނޮއިސް" އިން ދައްކުވާދެނީ، ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން މުޖުތަމައުއިން ދުރުކޮށްލެވިފައިވާ މޮޅު މައިކްރޯބައިޔޮލޮޖިސްޓެކެވެ. މުުޖުތަމައުއިން އެކަހެރިވި ނަމަވެސް ގޮތް ނޭނގޭ ބައްޔަކަށް ފަރުވާ ނުވަތަ 'ވެކްސިން' ހޯދުމަށް އޭނާ ކުރާ ބުރަ މަސައްކަތްތައް ފިލްމުން ފެނިގެން ދެއެވެ.
ވަރަށްވެސް މޮޅު ސިނަމެޓޮގްރަފީ އަކާއިއެކު "އިލް ނޮއިސް" ގެ ސެޓަޕުން ފެންނަނީ ވެސް ލެބޯރަޓޮރީ އެއްގެ ތެރޭގައި އުޅޭ މަންޒަރެވެ. އަދި އޭގެ އިތުރުން ފިލްމުގައި ބޭނުންކޮށްފައިވާ ބައެއް ސާމާނުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ، އިހުޒަމާނުގައި މީހުން ބޭނުން ކުރި ބައެއް ސާމާނުތަކެވެ.
ފިލްމުގެ މޮޅުކަން ބެލުންތެރިންނަށް އެންމެ ބޮޑަށް ހާމަ ވެގެންދަނީ ފިލްމުގެ ނިމުމުންނެވެ. ނަމަވެސް އެކަން މިލިޔުމުގައި އަޅުގަނޑު ހާމަކޮށްފިނަމަ، ފިލްމުގެ ކުރިމެރުނީއެވެ.
މުންކޮގެ ބަސްކޮޅު
މިފަދަ ތަފާތު ވިސްނުމެއްގެ ފިލްމެއް އުފައްދަން ޚިޔާލު ކުރީ ކީއްވެތޯ، 'އިލް ނޮއިސް' ގެ ޕްރޮޑިއުސަރ އަދި ލީޑް އެކްޓަރ މުޙައްމަދު މުންތަސިރު (މުންކޮ) ގާތު އެހުމުން، "މިއަދުނޫހަށް" މަޢުލޫމާތު ދެމުން އޭނާ ބުނެފައިވަނީ "މިއީ މީގެ ފަސް އަހަރު ކުރިން އަސްލުގަ ބޮލުގައި ކޮށާ ޓޮޕިކެއް. ދެން މިސާލަކަށް ޑިޕްރެޝަން ނޫނީ މެންޓަލް އިލްނަސް ކަހަލަ ކަންތަކުގައި ވަރަށް ގިނަ މީހުން ބުނޭ ދެން އެ އަމިއްލައަށް ރަނގަޅު ކުރެވޭނެ ނޫންހޭ. މިކަހަލަ ބައިވަރު ވާހަކަ ތަކެއް އެބަހުރޭ. މިބުނި ފަސް އަހަރު ވަންދެން އަސްލު މެންޓަލް އިލްނަސް އާއި ބެހޭގޮތުން އެކި ވާހަކަތައް އެކި ގޮތްގޮތަށް އިވޭތީ ބޮލުގައި ކޮއްޓަމުން ދިޔަ ޓޮޕިކެއް މިއީ. އަސްލުގައި އެކަހަލަ ބަލިމީހެއްގެ ބޮލުގައި ހިނގާކަމެއް އަހަރުމެންނަށް ނުވިސްނޭނެ. އެހެންވީމަ އޭތި ވިސްނަން މަސައްކަތް ކުރާށޭ، އެމީހުން އެ ތަޙައްމަލު ކުރަމުންދާ ކަންތައްތައް އެމީހުންގެ ނަޒަރުން ދައްކުވާދޭން ބޭނުންވީ. އެއީ އަސްލުގަ އެމީހުން އެ ތަޙައްމަލު ކުރަމުންދަނީ ވަރަށް ބޮޑު ވޭނެއް އަސްލުގަ. މުޅިން އެހެން ދުނިޔެއެއްގައި އެމީހުން އުޅޭނީ. އެހެންވެ އެދުނިޔެ ދައްކުވާލަ ދެވޭތޯ ބެލީ"
ފިލްމަކީ ލޯބަޖެޓަކުން އުފައްދާފައިވާ ފިލްމެއް ކަމަށް، ފިލްމުގެ އާޓް ޑިރެކްޓަރ ޢަހުމަދު ސާޖިދު މޫސާ ބުނެފައިވާތީ، ފިލްމު އުފައްދާ ނިންމުމަށް ހޭދަވީ ކިހާ ދުވަހެއްތޯ ސުވާލު ކުރުމުން މުންކޮ ބުނެފައިވަނީ "2012 ވަނަ އަހަރު ފުރަތަމަ މިވާހަކައަށް ޕްލޭ އެއް ހެދީ. ދެން ފީޗަރ ފިލްމެއްގެ ގޮތުގައި އުފެއްދުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ފުރަތަމަ ވާހަކަ ދެއްކުނީ. ދެން އެހާ ހިސާބުން މަޑުމަޑުން ފިލްމުގެ މަސައްކަތް ކުރަމުން ގެންދިޔައީ. ދެން ވަކިހިސާބަކުން ހަމަ މަސައްކަތް ވަރަށް އަވަހަށް ކުރެވިފައި އަނެއްކާ ލަސްވެސް ވެގެން ދިޔަ. އެހެންވީމަ ގާތްގަނޑަކަށް ހަމަ މިދިޔަ އަހަރުގެ އޯގަސްޓުން ފެށިގެން އޮން އެންޑް އޮފް ގޮތަށް މިފިލްމުގެ މަސައްކަތް ފެށި މިހާ ހިސާބަށް އައިސް މިހުރީ"
މިއީ މުންކޮ ގެ ފުރަތަމަ ފީޗަރ ފިލްމުކަމަށް ވެފައި، މިފިލްމާއި މެދު ހިތްހަމަ ޖެހޭތޯ ސުވާލު ކުރުމުން މުންކޮ ބުނެފައިވަނީ "އަޅުގަނޑުގެ އެންމެ އޯކްވާރޑް މޯމެންޓް އެއީ މިހާ ބޮޑުކޮށް އެހާ ބައިވަރު މީހުންނާއި އެއްކޮށް އަޅުގަނޑުގެ 'ސިފަ ބަލަން އިންނަން. ދެން އަޅުގަނޑަކީ އަސްލުބޮޑަށް ސްޓޭޖަށް ފޯރި ހުންނަ މީހަކަށް ވުމުން، ސްޓޭޖުގައި ވެއްޖިއްޔާ އޭތި އަމިއްލައަށް ކުޅެ އަމިއްލަ އަކަށް ދޯ ހުންނާނީވެސް. އެކަމަކު އެހަދާފަ އިންނައެތި އަނެއްކާ ބަލަންވީމަ، އަސްލު ހަމަ ވަރަށް އޯކްވޯޑް. އެކަމަކު ހަމަ އެއާއިއެކު ވަރަށް އުފާވެ ހިތްހަމަވެސް ޖެހުން ހަމަ."