މަދުރް ބަންޑާކަރް މަރާލަން ޕްރިތީ ޖެއިން އުޅުނީ ކީއްވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
މަދުރް ބަންޑާކަރް މަރާލަން ޕްރިތީ ޖެއިން އުޅުނީ ކީއްވެ؟
ބޮލީވުޑްގެ ސުޕަރހިޓް ފިލްމުތަކެއް ކަމަށްވާ 'އާން- މެން އެޓް ވޯކް'، 'ފެޝަން' އަދި 'ޕޭޖް 3' ފަދަ ފިލްމުތައް ޑައިރެކްޓްކުރި މަދުރް ބަންޑާކަރް މަރާލަން، ޕްރިތީ ޖެއިން އުޅުނު ކަމުގެ ކުށުގައި އޭނާއަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.

ނަމަވެސް ގިނަ މީހުންގެ ހިތްތަކުގައި އުފެދޭ ސުވާލަކީ، ޓޮޕް މޮޑެލްއެއްކަމުގައިވާ ޕްރިތީ ޖެއިން، ޑައިރެކްޓަރެއް މަރާލަން އުޅުނީ ކީއްވެބާއެވެ.

ޕްރިތީ ޖެއިން ބުނިގޮތުގައި މަދުރް އޭނާ ރޭޕް ކުރިއެވެ. އަދި 2004 ވަނަ އަހަރު އޭނާވަނީ ރޭޕްކުރި ކަމުގެ ތުހުމަތުގައި މަދުރްއާއި ދެކޮޅަށް ދައުވާވެސް ކޮށްފައެވެ.

މިކަމުގެ އިތުރު ތަފްސީލެއް ދެމުން ޕްރިތީ ޖެއިން ބުނެފައިވަނީ، މަދުރު ގެ ފިލްމުތަކުން ރޯލެއް ދޭނެ ކަމަށް ބުނެ އަދި އޭނާއާއި ކައިވެނިވެސް ކުރާނެކަމަށް އެއްބަސްވެ އޭނާވަނީ 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށް ޕްރިތީ ޖެއިން ގެ ކިބައިން ޖިސްމާނީ އުފާ ހޯދާފައެވެ. އެވާހަކަތަކަކީ ތެދު ހަގީގަތްތަކެއް ކަމުގައި ހާމަކުރަމުން މަދުރު އޭނާއަށް އެއިރު ފޮނުވާފައިހުރި އެސްއެމްއެސް ތަކެއް ވެސް ކަމާއިބެހޭ ފަރާތްތަކަށް ދެއްކި ކަމަށް ޕްރިތީ ބުނެފައިވެއެވެ.

ޕްރިތީ ކުރި ދައުވާއަށް އެއްއަހަރު ވެފައިވަނިކޮށް މަދުރް ބަންޑާކަރްގެ ސުޕަރހިޓް ފިލްމު "ޕޭޖް 3" ރިލީޒްވެ 2005 ވަނަ އަހަރުގެ އެންމެ މޮޅު ފީޗާ ފިލްމު ކަމުގައިވެސް އެފިލްމު ވެގެން ދިޔައެވެ.

ވައުދުތަކެއް ކުރުމަށްފަހު، އަދި "ބޭނުން ހިފާލުމަށްފަހު" ވެސް ބުނި އެއްވެސް ބަހެއްގައި ނުހިފެހެއްޓުމުން، އަދު ކަމާއިބެހޭ ފަރާތްތަކުންވެސް އެއްވެސް އިންސާފެއް ނުލިބުމުން،އެއަހަރު ޕްރިތީ ޖެއިން ގޭންގްސްޓަރ އެއް ކަމަށްވާ އަރުން ގޯލީ އަށް 75،000 ރުޕީސް ދީ، މަދުރް މަރާލުމަށް އެދުނެވެ. އެކަމުގައި އަރުން އަށް އެހީތެރިވާން ހަމަޖެއްސީ ނަރޭޝް ޕަރްދޭޝީ ކިޔާ މީހަކާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ޝިވްރާމް ދަސް އެވެ.

ހިންދުސްތާން ޓައިމްސް ގައިވާ ގޮތުން ކޮންމެވެސް ސަބަބަކާއި ހެދި ނަރޭޝްއަށް ޝިވްރާމް އާއި އެކު ހަވާލު ކުރެވުނު މަސައްކަތް ނުކުރެވުމުން، ޕްރިތީ ޖެއިން ވަނީ އޭނާދިން ފައިސާތައް އަލުން އަނބުރާ ހޯދޭތޯ މަސައްކަތް ކޮށްފައެވެ. ފައިސާ ހޯދަން ޕްރިތީ މަސައްކަތް ކުރާކަށް އެގުމުން އަރުން ވަނީ އިންޑިއާގެ ފުލުހުންނަށް އެކަން އަންގާފައެވެ.

މިމައްސަލާގައި ހުކުމެއް އިއްވަން ގިނަ ދުވަސްތަކެއް ނެގި ކަމުގައިވިޔަސް، ނަރޭޝް އާއި ޕްރިތީ ޖެއިން އަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ޕްރިތީ ޖެއިން ވަނީ 15،000 ރުޕީސް ގެ ބެއިލް އެއް ދެއްކުމަށްފަހު މިވަގުތު ޖަލުން މިނިވަންވެފައެވެ.
މިއަދު އޮންލައިން