ކުލަބު މޯލްޑިވްސް ކަޕުގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފަހަތުންއަރާ މޮޅުވެގެން ފައިނަލުގެ ފަހުޖާގަ ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
އެޓީމު ފައިނަލުން ޖާގަހޯދީ މިރޭ ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި އެމްއޭސީއެލް އާއިވާދަކޮށް 6-4 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ ދެވަނަ މިނެޓުގައި އެމްއޭސީއެލްގެ ސަބްރިއަލް ބަންޑާރީ ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. ނަވަވެސް ދިވެހި ސިފައިންގެ ކުލަބުގެ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ އަޒީމާ އާއި ޒާހިޔާ (ޒެޑޭ) ވަނީ ލަނޑުޖަހާ ނަތީޖާ އެޓީމުކޮޅަށް އަނބުރާލާފައެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެކުރިން އެމްއޭސީއެލް ޓީމުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ސަބްރިއަލް ބަމްޑާރީ ވަނީ އިތުރު 2 ލަނޑުޖަހާ އަނެއްކާވެސް ލީޑު ނަގާފައެވެ.
ދެވަނަ ހާފުގެ ކުޅުމުގައިވެސް ދެޓީމުން ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ މި މެޗުގައި އެމްއޭސީއެލްގެ 4ވަނަ ލަނޑު ޖަހައިދިނީ އަނީތާއެވެ.
ސިފައިންގެ ކުލަބުން ދޫނުދީ ކުޅުމުގެ ނަތީޖާއަކީ ބިދޭސީ ދެކުޅުންތެރިންނާއި ރިފާގެ ލަނޑުން ދެވަނަ ފަހަރަށް ނަތީޖާ ހަމަކޮށް އަދި ލީޑު ނެގުމެވެ.