ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ނިޔުކްލިއަރ ބޮން އެޅުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެއް އެމެރިކާއިން ޓެސްޓްކޮށްފިއެވެ. މިސައިލް ފޮނުވާލީ ކެލިފޯނިއާގެ މަރުކަޒަކުންނެވެ.
ރޭ ޓެސްޓްކުރި މިމިސައިލް ޓެސްޓްކޮށްފައިވަނީ އެއްވެސް ހަތިޔާރަކާއި ނުލައި ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އެމެރިކާގައި މިބާވަތުގެ 450 މިސައިލް އެބަހުރިކަމަށް އެމެރިކާއިން ބުނެއެވެ. މީގެ ހަފްތާއެއް ކުރިންވެސް ވަނީ ކެލިފޯނިއާ ބޭސް އިން މިފަދަ މިސައިލެއް ފޮނުވާލައިފައެވެ.
މިޓެސްޓްތައް އެމެރިކާއިން ކޮށްފައިވާއިރު އެމެރިކާއިން އުތުރު ކޮރެއާ އާއި ދެކޮޅަށް ހަމަލާތަކެއް ދޭން އުޅޭކަމަށް ވަނީ ބެލެވިފައެވެ. އަދި މިފަދަ ހަމަލާއެއް ދީފިނަމަ އުތުރު ކޮރެއާ އިން ނިޔުކްލިއަރ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު އެ ޤައުމުން ދަނީ ދެމުންނެވެ.
ޖަޕާނާއި ދެކުނު ކޮރެއާ އޮތީ އެމެރިކާއަށް ތާއީދުކޮށްގެން ނަމަވެސް ޗައިނާ އޮތީ އެމެރިކާއަށް ތާއީދުކޮށްގެނެއް ނޫނެވެ. އެހެންކަމުން މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ދެން ވާނެ ގޮތްތަކާއިމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދެއެވެ.