ކެމެރާ ކުރިމައްޗަށް އަނެއްކާވެސް އަރަން މަނީޝާ ވަރަށް ހާސްވި

ކިޔުމަށް ހޭދަވާނީ 1މ 40ސ
ކެމެރާ ކުރިމައްޗަށް އަނެއްކާވެސް އަރަން މަނީޝާ ވަރަށް ހާސްވި
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމުތަކެއް ކަމުގައިވާ "ދިލް ސޭ"، "ޚާމޯޝީ" އަދި "ބޮމްބޭ" އިން ގިނަ ބެލުންތެރިންގެ ތަރުހީބު ހޯދި މަނީޝާ ކޮއިރާލާ، އެކްޓިންގ ގެ ދާއިރާއިން ވަރަށް ގިނަ ދުވަސް ވަންދެން ދުރައްޖެހިލުމަށްފަހު، އަނެއްކާ ވެސް ކެމެރާ ކުރިމައްޗަށް އެނބުރި އަތުވެއްޖެއެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި އެހާ ގިނަ އަހަރުތަކަކަށް ފަހު، ކެމެރާ ކުރިމައްޗަށް އަރަން އޭނާ ވަރަށް ހާސްވެ ބިރުގަތެވެ.

މަނީޝާ އެންމެ ފަހުން އެކްޓު ކުރި "ޑިއަރ މާޔާ" ގެ އޮފިޝަލް ޓްރެއިލަރ އިފްތިތާހު ކުރުމަށްފަހު މަނީޝާ ބުނެފައިވަނީ "ފިލްމުގައި އެކްޓު ކުރެވިފައިވާނެ ގޮތެއް ވެސް ނޭނގެ. ކުރިން ކިތަންމެ ވަރަކަށް ފިލްމު ކުޅުން ކަމުގައި ވިޔަސް، ގިނަ ދުވަސް ތަކަކަށްފަހު އަނެއްކާވެސް އެކްޓު ކުރަން ޖެހުމުން ވަރަށް ހާސްވި" ކަމަށެވެ.

"އަހަރެން ހާސްވެ ބިރުގަތްވަރު ޑައިރެކްޓަރަށް ފިލްމުން ފާހަގަ ނުވިކަމަށް އުއްމީދު ކުރަން"، 'ޑިއަރ މާޔާ' ގައި "މާޔާ" ގެ ރޯލު އަދާ ކޮށްފައިވާ މަނީޝާ ކޮއިރާލާ ބުންޏެވެ.

ނޭޕާލް އަށް އުފަން މަނީޝާ އަކީ ވަރަށް ހުނަރުވެރި އެކްޓިންގ އެއް އޭނާގެ ހުރިހާ ފިލްމަކުންވެސް ދައްކުވާދީފައިވާ ފަންނާނެކެވެ. އޭނާގެ ރީތި ކަމަށް ވެސް އެތައް ބަޔަކު ވަނީ ދީވާނާ ވެފައެވެ.

ބެލުންތެރިންގެ ނަޒަރުން ގެއްލުނީ، ކެންސަރުގެ ނުރައްކާތެރި ބަލި ޖެހުމުން ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާއިރު، މިހާރު މަނީޝާ ވަނީ އެބަލިން އެއްކޮށް ފަރުވާ ލިބި ރަނގަޅު ވެފައި ކަމަށް ވެސް އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

"ޑިއަރ މާޔާ" ގައި ދެ އަންހެން ކުދިން ކުރާ ސަމާސާ އެއްގައި ހިތްއެދޭ މީހަކަށް ވެގެން "މާޔާ" (މަނީޝާ) އަށް ސިޓީ ލިޔެ މޮޔަ ހައްދައެވެ. ކަންތައްތައް ސީރިއަސް މައްސަލައަކަށް ވަނީ "މާޔާ" ގެއްލޭ ހިސާބުންނެވެ.

މަނީޝާ ބުނިގޮތުގައި މިއީ އޭނާ ވަރަށް ބޭނުންވިފަދަ ރޯލެކެވެ.

"ޑިއަރ މާޔާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2 ޖޫން 2017 ގައެވެ.
މިއަދު އޮންލައިން