އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު ފަށްޓަވާ އެމަނިކުފާނުގެ މިދަތުރުފުޅުގެތެރެއިން ވެސަކް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.
އަދި ސްރީލަންކާގައި ތިބި އިންޑިއާ ނަސްލުގެ މީހުންނާއި ބައްދަލުކުރައްވާނެއެވެ.
ސްރީލަންކާގެ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ އިންޑިއާ ނަސްލުގެ މީހުންނާއިވެސް މޯދީ ބައްދަލުކުރައްވާނެއެވެ. މޯދީ ވަނީ އެމީހުންނަށްޓަކައި ދިކޮޔާގައި ހޮސްޕިޓަލެއް އަޅުއްވައި ދެއްވައިފައެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ހޮސްޕިޓަލް އެމީހުންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންދާނެއެވެ.
އިންޑިއާ އިން ގެންދަނީ ސްރީލަންކާއަށް ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބަންގްލަދޭޝްގައި 17 މަޝްރޫއެއް ހިންގުމަށް 5 ބިލިއަން ޑޮލަރު ޚަރަދުކުރަންވެސް ވަނީ ނިންމައިފައެވެ.