އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސްނިލް ގަވަސްކަރގެ ބަހުގެ ވަރުގަދަ ޙަމަލާތަކެއް މިހާރުގެ ކެޕްޓަން ވިރާތް ކޯލީއަށް ރައްދުކޮށްފިއެވެ.
ސްނިލް ގަވަސްކަރ ބަހުގެ ޙަމަލާތަކެއް ވިރާތަށް މި އަމާޒުކުރީ މިހާރު ކުރިއަށްދާ ވިވޯ އިންޑިއަން ޕްރިމިއަރ ލީގު 2017 ކްރިކެޓް މުބާރާތުގައި ވިރާތު ކޯލީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ ރޯޔަލް ޗެލެންޖަރސް ބެންގްލޯރ (އާރްސީބީ) އިން ނެރެމުން އަންނަ ނަތީޖާގެ ސަބަބުންނެވެ.
ސްނިލް ގަވަސްކަރ ބުނީ ވިރާތް އަމިއްލައަށް މޫނުބަލާ ލޯގަނޑެއް ކައިރީ ހުއްޓި އޭނާގެ ސޫރަ މިހާރު އެބަބަލަންޖެހޭ ކަމަށެވެ. އަދި ވިރާތު މިހާރު ދައްކަމުންދާ ދަށް ކުޅުމާއިމެދު މުޅި ޤައުމުވެސް ހިތާމަކުރާ ކަމަށެވެ.
ވިރާތް ކޯލީއަކީ އިންޑިއާގެ ގިނަ ބައެއްގެ ރުހުމާއި ލޯބި ލިބިފައިވާ ކެޕްޓަނެކެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާ ދައްކަމުން އަންނަނީ ވަރަށް ދަށް ކުޅުމެއްކަން އެންމެންވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.