ހައުސްފުލް 18 ޝޯވ އަށްފަހު "މީ ލޯތްބަކީ" ގެ ވަދާއީ ޝޯވތައް މިހަފްތާގައި
ޑާކްރެއިން އެންޓާރޓެއިންމެންޓްގެ އުފެއްދުމެއް ކަމަށްވާ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ"، ހައުސްފުލް 18 ޝޯވ އަށް ފަހު، ވަދާއީ ޝޯތަށް މިހަފްތާގައި އަޅުވަން ތައްޔާރު ވެއްޖެ އެވެ.
އެގޮތުން މިހާތަނަށް 21 ޝޯއެއް ދައްކާފައިވާ "މީ ލޯތްބަކީ"، މާލޭގައި މިހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދެއްކުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 10 ން 13 އަށް އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 12، 13 ގައި ނައިފަރު އާއި ޑަބްލިއު މޯލްޑިވްސް ރިސޯޓުގައިވެސް މިފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި މިފިލްމު އަޅުވަން ހަމަޖެހިފައިވާއިރު، ގިނަ ރަށްތަކެއްގައި މިހާރުވެސް ފުރަތަމަ ޝޯވަނީ ހައުސްފުލް ވެފައެވެ.
ރޯދައިގެ ފަހުން ޝްރީ ލަންކާ އަދި މެލޭޝިއާ ގައި ވެސް "މީ ލޯތްބަކީ" އަޅުވަން ހަމަޖެހިފައިވެއެވެ. ނަމަވެސް އއީ ކޮން ތާރީޚެއްގައި ކަމެއް އަދި ނިންމާފައެއް ނުވެއެވެ.
އާ ތަރިންތަކަކާއި އެކު މަރިޔަމް އައްޒަ އަދި ޖުމައްޔިލް ނިމާލް ގެ ކުޅަދާނަ އެކްޓިންގ ފެނިގެންދާ މިފިލްމުވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.