މޯލްޑިވްސް ހޭންޑް ބޯލްއެސޯސިއޭޝަންގެ ފަރާތުން އައްޑޫސިޓީއަށް ހޭންޑްބޯލް ތައާރަފް ކޮށްފިއެވެ.
މި ކުޅިވަރު އައްޑުއަށް ތައާރަފް ކުރުމަށްޓަކައި މަރަދޫގައި ހުންނަ ބޮނޑޮ ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކުޅިވަރު ތައާރަފްކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) އެވެ.
އެ ކުޅިވަރު ތައާރަފް ކުރުމަށްފަހު ޕްރޮގްރާމެއްގެ ގޮތުގައި އެ ކުޅިވަރާ ގުޅޭ ހަރަކާތްތަކެއް މަރަދޫގައި ފަށާނެއެވެ. އެއީ މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނާއި، އައްޑޫސިޓީކައުންސިލާއި، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މަފްސީ ގުޅިގެން ފަށާ ޕްރޮގްރާމެކެވެ.
ހޭންޑުބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝާން ވިދާޅުވީ އެ ޕްރޮގްރާމުގައި، ކޯޗިންއާއި، ރެފްރީކަންކުރުމާއި، މުބާރާތައް ރާވައި ހިންގާނެ ގޮތުގެ ތަމްރީން ދޭނެއެވެ.
"މި ޕްރޮގްރާމުގެ ތެރެއިން ސްކޫލްތަކަށް ހޭންޑުބޯލް ތައާރަފްކޮށްދޭނަން އިރާދަކުރެއްވިއްޔާ. އަދި މިނީ ހޭންޑްބޯލް ފެސްޓިވަލެއްވެސް އައްޑޫގައި ބާއްވައިދޭނަން،" ޝާން ވިދާޅުވިއެވެ.
މިކޯހުގައި ތިއަރީބައި ކުރިއަށްގެންދާނީ އުޖާލާ ޕްރީސްކޫލުގައެވެ. ޕްރެކްޓިކަލްބައި ކުރިއަށް ގެންދާނީ މަރަދޫ ފުޓުސަލް ދަނޑުގައެވެ. މި ޕްރޮގްރާމް އަމަލީ ގޮތުން ފަށާނީ މާދަމާއެވެ.