މައިލޯ 5K ރޭސް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ރޭސް މިހާރު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 20 ވާ ހޮނިހިރު ހަވީރު 16:30 ގައި ހުޅުމާލޭ ސެންޓަރަލް ޕާކު ސަރަހައްދުގައެވެ.
މި ރޭސް ކުރިން ބާއްވަން ނިންމާފައި އޮތީ މި މަހުގެ 19 ވާ ހުކުރު ދުވަހުއެވެ.
މި ރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކާއި އެން.ޖީ.އޯތަކަށް ހުޅުވާލާފައިވާ އިރު، ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމަނަންޖެހެއެވެ. ސީނިއަރ ޓީމުގައި މަދުވެގެން އަންހެން 2 ބައިވެރިން ހިމަނަން ޖެހޭ އިރު، 5 ކިލޯމީޓަރު ނިންމަންޖެހޭ ވަގުތަކީ 45 މިނިޓެވެ. އަދި ޓީމުގެ "ފިނިޝް ޓައިމް" އަކީ ޓީމްގެ ފަސް ބައިވެރިންގެ ތެރެއިން 4 ވަނަ ބައިވެރިޔާ ރޭސް ނިންމާ ގަޑިއެވެ.
މިރަންގައި 14 އަހަރުން ދަށުގެ ކުދިންނަށް "ޖޫނިއަރ ކެޓަގަރީ" ވެސް ހިމަނާފައިވާ އިރު، ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރޭހުގައި ރެޖިސްޓަރ ކުރުމަށްޓަކައި ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ފޭސް ބުކް ޕޭޖާއި ސްޕޯޓްސް ކޯޕަރޭޝަނުންވެސް ލިބެން ހުންނާނެއެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ މި މޭ މަހުގެ 16 ވާ އަންގާރަ ދުވަހުގެ 14:00 ގައެވެ.
"މައިލޯ 5K ޓީމް ރަން" ބޭއްވުމުގެ މަޤްޞަދަކީ ޢާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމާއި އެކުވެރި މާހައުލެއް ޤާއިމްކުރުމެވެ.
މިއީ ރާއްޖޭގައި ބާއްވާ އެހެން ރޭސްތަކާއި ޚިލާފަށް، ޓީމެއްގެ ގޮތުގައި ފަސް ކިލޯމީޓަރުގެ ރޭހެއްގައި ބައިވެރިވެ، ޓީމް ވޯކްގެ ތެރެއިން ކާމިޔާބު ހޯދުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި ސީނިއަރ ކެޓަގަރީން އެއްވަނައަށްދާ ޓީމަކަށް =/ 15،000 ރުފިޔާ ދެވަނައަށްދާ ޓީމަކަށް =/10،000 ރުފިޔާ އަދި ތިންވަނައަށްދާ ޓީމަކަށް =/5،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދުވުން ފުރިހަމަކުރާ ހުރިހާ ޓީމުތަކެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ 3 ޓީމަކަށް =/3،000 ރުފިޔާގެ ދިނުމަށްވަނީ ނިންމާފައެވެ.
ޖޫނިއަރ ކެޓަގަރީން އެއްވަނައަށް =/5،000 ރުފިޔާ، ދެވަނައަށް =/3،000 ރުފިޔާ އަދި ތިންވަނައަށް =/2،000 ރުފިޔާގެ އިނާމު ދޭން ނިންމާފައިވާ އިރު، މި ކެޓަގަރީން ދުވުން ނިންމާ ހުރިހާ ޓީމެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ 1 ފަރާތަށް ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަޙައްދުގައި ހިލޭ އެއަރބެލޫން ދުއްވާލުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
މި ރޭސް ނުވަތަ ދުވުމުގައި ބައިވެރިވާ ޓީމުތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި އިވެންޓުގެ މެއިން ސްޕޮންސަރއަކަށް މައިލޯ ހަމަޖައްސާފައިވާ އިރު، ހޯސްޓިންގ ޕާޓްނަރއަކީ އެޗްޑީސީ އެވެ.
މިޚަބަރާއި ގުޅޭ އިތުރު ލިޔުން:
މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބާއްވަނީ
މައިލޯ ފައިވްކޭ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް